ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 886 މީހަކު މަރުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު އެގައުމުން 886 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު، މިއީ މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވިފައިވާ ދުވަހެކެވެ. މިއާއި އެކީ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 209,028 އަށް އަރާފައެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން އެގައުމުން މަރުވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެގައުމުން އިތުރު 887 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ރަޝިއާއަކީ ދުނިޔެއިން ފަސް ވަނަ އަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވެ، ފަސް ވަނަ އަށް އެންމެ ގިނަ ބަޔަކު ބަލީގައި މަރުވެފައިވާ ގައުމެވެ. އެގައުމުން އިތުރު 25,219 މީހަކު ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި އަދަދު ވަނީ 7,560,767 އަށް އަރާފައެވެ.

އެހެން ގައުމުތަކަކޭ އެއްގޮތަށް ރަޝިއާއިން ވެސް އަންނަނީ އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ފަށައިގެންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 30 އާއި ހަމައަށް އެގައުމުގެ ވެކްސިން ޖެހޭ އާބާދީގެ 33.4 އިންސައްތަ މީހުން ވަނީ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި އާބާދީގެ 29.3 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 6,710,574 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 641,165 މީހުންނަށް ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން 2,300 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު