ކޮވިޑް-19އަށް ފައްސިވިތާ ތިން ހަފްތާ ތެރޭގައި 24 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނަކު މަރުވެއްޖެއެވެ.

އެބީ ގިބްސް ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުން މި އޭނާ ވެކްސިން ޖަހާފައެއް ނުވެއެވެ. އެބީގެ ވަކިވެދިއުމާއެކު، އާއިލާއަށް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. މި ދަނޑިވަޅުގައި އާއިލާއިން އަންނަނީ އެންމެންވެސް ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެދެމުންނެވެ.

އެބީއަށް ފަރުވާ ދީފައިވަނީ އިނގިރޭސި ވިލާތުގެ، ދެކުނު ދުރްހަމްގެ ޔުނިވާސިޓީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެތަނުގައި އެނދުމަތިކޮށްފައި ބާއްވައިގެން 17 ދުވަހު ފަރުވާ ދީފައިވެެއެވެ. އައިސީޔޫގައި ފަރުވާދެމުންދިޔަ 17 ދުވަހުގެ ތެރޭގައި އޭނާގެ ދަރިންނާއި އާއިލާގެ މެމްބަރުންނާއި ވާހަކަ ދެއްކީ ވީޑިއޯ ކޯލް މެދުވެެރިކޮށެވެ.

އާއިލާގެ ފަރާތުން ޑެއިލީ މެއިލް ނޫހަށް މައުލޫމާތުދިން މީހަކު ބުނެފައިވަނީ އެބީގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ހޯދަމުންދިޔައިރުވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ދަރިންގެ ކަންކަން ވީވަރަކުން ބެލެހެއްޓި ކަމަށެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް އޮންލައިންކޮށް ވިޔަފާރިކޮށް ހެދިކަން ފާހަގަކޮށްފައިވެއެވެ.

އޭނާ އަކީ ތިން ދަރިންގެ މަންމައެކެވެ. އެންމެ ހަގު ކުއްޖާއަށް މި އަހަރު ތިން އަހަރު ފުރޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާއިލާއިން ބުނީ އެބީ އަކީ ދަރިންނަށް ރަނގަޅު މަންމައެއް ކަމަށެވެ. އޯގާތެރި، މަޖާ މީހެއްގެ ގޮތުގައި އާއިލާއިން އެބީ ސިފަކޮށްފައިވެއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު އެބީ މަރުވެފައިވާއިރު، ޖަނާޒާގެ ކަންތަކުގައި 150އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާއިލާގެ އުންމީދަކީ ގިނަ ބަޔަކު ވެކްސިން ޖަހައި، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު