ސައުދީ އަރަބިއްޔާގެ ޖަޒާން ސިޓީގެ އެއާޕޯޓަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފިއެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ މި ހަމަލާ ދީފައިވަނީ އިއްޔެ ހަވީރު ކިންގް އަބްދުﷲ އެއާޕޯޓަށް އަމާޒު ކޮށްގެން ކަމަށެވެ. ހަމަލާގެ ސަބަބުން މިހާތަނަށް 10 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެސްޕީއޭއިން ބުނީ ފުރަތަމަ ހަމަލާގެ ސަބަބުން އެއާޕޯޓުގެ މައި އިމާރާތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވީ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ދެވަނަ ޑްރޯން ހަމަލާ އަރާފައިވަނީ މިއަދު ހެނދުނު ކަމަށް ރިޕޯޓު ކޮށްފައިވެެއެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެެއެވެ.

ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ފުރަތަމަ ހަމަލާގައި ޒަހަމްވި 10 މީހުންގެ ތެރޭގައި ސައުދީގެ ހަ މީހުންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހަކު ހިމެނެއެވެ. އޭގެ އިތުރުން ސޫދާނަށް ނިސްބަތްވާ މީހަކަށް ވެސް އަނިޔާވެފައިވެއެވެ.

މިފަހަކަށް އައިސް ސައުދީއަށް ދެމުންގެންދާ ހަމަލާތަކުގެ ތުހުމަތު އަމާޒުވެފައިވަނީ ހޫތީންނަށެވެ. ނަމަވެސް، މިއަދާއި އިއްޔެ އެގައުމަށް ދީފައިވާ ޑްރޯން ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހުވެސް ސައުދީގެ އަބްހާ އެއާޕޯޓަށް އަމާޒުކޮށް ހަމަލާ ދީފައިވެއެވެ. އެ ހަމަލާގައި ޒަހަމްވެފައިވަނީ އެއާޕޯޓުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު މުވައްޒަފުންކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އޮގަސްޓް މަހުގެ 31ވަނަ ދުވަހުވެސް އެެއާޕޯޓަށް ހަމަލާދީފައިވެއެވެ. އެ ހަމަލާގައި ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ އަަށް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު