ޗައިނާގެ އެންގުމަކަށް ބޯނުލަނބާނެކަމަށް ޓައިވާނުން ރަސްމީކޮށް މިއަދު ހާމަކޮށްފިއެވެ.

ޓައިވާންގެ ރައީސް ސައި އިންގް ވެން ވިދާޅުވީ ބެއިޖިން އިން އެގައުމަށް ކުރާ ޕްރެޝަރުތަކަށް ބޯނުލަނބާނެ ކަމަށާއި އެގައުމުގެ ސަރުކާރު ހިމާޔަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ތޭވީސް މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ ޓައިވާން އަކީ ޗައިނާއާ ކައިރީގައި ވަކިން އޮންނަ ގައުމެކެވެ. ޗައިނާ އިން ބުނާގޮތުގައި ޓައިވާނަކީ ވަކިން އޮތް ކަމުގައި ވިޔަސް އެގައުމުގެ ބައެކެވެ. އަދި އެގައުމުން ބޭނުންވެއްޖެ ހިނދެއްގައި ޗައިނާގެ ބާރުގެ ދަށަށްވެސް ގެނެވިދާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ގިނައިން ކަންކަން ހާސިލް ކުރެވޭ ވަރަކަށް ޗައިނާގެ ނުފޫޒު ޓައިވާނަށް އިތުރުވާނޭ ކަމަށް ޓައިވާނުން ބުނެއެވެ. ޓައިވާންގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓައިވާންގެ ރައީސް ވިދާޅުވީ ޗައިނާ އިން އަންގާ މަގަކުން ދިއުމަށް އެގައުމަށް އެއްވެސް ބަޔަކަށް އަމުރުނުކުރެވޭނެ ކަމަށެވެ.

ޕްރެޝަރު ކޮށްގެން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެ ކަން ހާމަކުރައްވަމުން ސައި ވިދާޅުވީ އެ ގައުމު އޮތީ ބެއިޖިންއާ އެކުވެސް ގުޅުން ބޭއްވުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށެވެ.

އަސްކަރީ ގޮތުން ޓައިވާން ވަރުގަދަ ވުމަށް ކުރެވެން އޮތް ހުރިހާ ކަމެއްވެސް އެގައުމުން ކުރަމުންދާއިރު ދާދިފަހުން އެގައުމުގައި އެމެރިކާ ސިފައިންވެސް ތިބިކަން ވަނީ ފަޅާ އަރައިފައެވެ. އަދި ޗައިނާގެ އަސްކަރީ ޖެޓްތަކެއް ޓައިވާންގެ މަތިން ދިއުމުން އެކަންވެސް ވަނީ ބަލަން ފަށައިފައެވެ.

1949 ވަނަ އަހަރުން ފެށިގެން ޗައިނާ އާއި ޓައިވާނަކީ ވަކި ދައުލަތެއް އޮންނަ ދެ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    މާދަމާ ނޫން ކަމެއް ނޭނގޭ އިންޑިއާ އިން ދިވެހިރާއްޖެ އަކީ އެމީހުންގެ ޤައުމުގެ ބައެއްގެ ކަމަށް ޔޫ.އެން ގަ ބުނާނީ.. ޔޫ.އެން އަކުން ދުނިޔޭގެ ސުޕަ ޕަވާ އަކާއި ދެކޮޅަށް ކަމެއް ނުނިންމާނެ.. ޓައިވާންގެ ސިނާރިއޯ ކަހަލަ ގޮތަކަށް މިކަން ދާނީ.. ދިރިތިބި ބަޔަކަށް ފެންނާނެ..

    5
    1