ޗެކް ރިޕަބްލިކްގައި ބޭއްވި އާއްމު އިންތިހާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރިކަން ކަށަވަރުވިތާ އިރުކޮޅެއް ފަހުން އެގައުމުގެ ރައީސް މައިލޮސް ޒެމެންގެ ހާލު ކުއްލިއަކަށް ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 77 އަހަރުގެ މައިލޮސް އަކީ ހަކުރުބަލި ހުންނަ ބޭފުޅެކެވެ. އޭނާ އިންނަވަނީ ވެސް ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާ ވަރަށް ގިނައިން ބަނގުރަލާއި ސިނގިރޭޓް ވެސް ބޯކަމަށް ވެއެވެ.

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ސެންޓްރަލް މިލިޓަރީ ހޮސްޕިޓަލްގައި ރައީސް މައިލޮސް އަށް ފަރވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހު ވެސް މައިލޮސްގެ ހާލު ދެރަވެގެން އަށް ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. އެފަހަރު ފަރުވާ ދިނީ މާބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވޭތީއެވެ.

މައިލޮސްގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު ސަރުކާރުން ސިއްރު ކުރާކަމަށް ބުނެ ބައެއް ނޫސްވެރިން ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަދަ ކަންބޮޑުވުންތައް ފާޅުކުރާ ނޫސްވެރިން ބްލެކްލިސްޓްކޮށް އެފަދަ ނޫސްވެރިންނަށް ރައީސްގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ނުދެއެވެ.

ޗެކް ރިޕަބްލިކްގެ މީޑިއާތަކުން ބުނާ ގޮތުގައި މައިލޮސް ހޮސްޕިޓަލަށް ގެންދިޔައީ ބޮޑުވަޒީރު އަންދްރެޖް ބެބިސް އާއި ބައްދަލު ކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ. އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ބެބިސް އަށް އާއްމު އިންތިހާބު ނާކާމިޔާބު ވުމުން އާސަރުކާރެއް އެކުލަވާލުމާއި ގުޅޭ ގޮތުންނެވެ. އާސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނަވަން ޖެހޭނީ ގައުމުގެ ރައީސް ކަމަށް ޗެކް ރިޕަބްލިކްގެ ގާނޫނު އަސާސީ ބުނެއެވެ. ޗެކް ރިޕަބްލިކްގެ ގާނޫނު އަސާސީ ބުނާ ގޮތުން އެގައުމުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ޒިންމާ އަދާކުރާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިންނެވެ.