އަސްކަރީ ގުޅުން ބަދަހި ކުރުމަށް އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ސްރީލަންކާއަށް ވަޑައިގެންފިއެވެ.

އިންޑިއާގެ އާމީ ޗީފް ޖެނެރަލް މާނޮޖް މުކުންޑް ނަރަވާނޭ ލަންކާ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ މި ދަތުރަކީ ތިން ދުވަހުގެ ދަތުރަކަށްވާ އިރު މި ދަތުރުގެ ތެރެއިން ލަންކާގެ އަސްކަރިއްޔާގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިއީ ޖެނެރަލް މާނޮޖް މުކުންޑް ނަރަވާނޭ ލަންކާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ދެ ގައުމުގެ އަސްކަރިއްޔާއަށް ވެސް ފައިދާވާ ގޮތަށް ދެގައުމުން ވެސް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ އިރު ލަންކާގެ ރައީސް ގޮޓަބަޔާ ތާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއިވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖެނެރަލް ނެރެވާނޭ ލަންކާ އަށް ވަޑައިގެންނެވުމުން އެގައުމުން އޭނާ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓުން ބައްދަލުކުރެއްވީ ސްރީލަންކަން އާމީގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ޝަވެންދްރާ ސިލްވާ އެވެ.

ފާއިތުވި ހަފްތާގައި އިންޑިއާ އާއި ލަންކާގެ އަސްކަރިއްޔާއިން ވަނީ 12 ދުވަހުގެ އަސްކަރީ ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ފަރިތަކުރުންތަކުގައި ނިރުބަވެރި ހަމަލާތަކަށް ތައްޔާރުވުމަށް ދެގައުމުގެ އަސްކަރިއްޔާގައި ގެންގުޅޭ އުކުޅުތަކާއި ގޮތްތައް ދަސްކޮށްދީފައި ވެއެވެ.

ލަންކާ އަސްކަރިއްޔާގެ ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންދާތާ އަހަރުތަކެއް ވެފައިވާއިރު ކޮންމެ އަހަރަކުވެސް ދެގައުމުގެ އަސްކަރިއްޔާއިން މިފަދަ ފަރިތަކުރުންތައް ކުރިޔަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު