އިންޑިއާގެ ހަކަތަ އުފައްދާ ތަންތަނަށް ކޯލް ފޯރުކޮށްދޭ މިންވަރު މަދުވުމާ ގުޅިގެން ހަކަތައިގެ ކާރިސާއެއް ކުރިމަތިވެ، ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ގޮސްދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކުން ބުނެފައިވަނީ ހަކަތަ އުފައްދާ އިންޖީނުގެތަކަށް ބޭނުންވާ ކޯލް ލިބޭ މިންވަރު ވޭތުވެދިޔަ އަހަރުތަކުގައި މަދުނުވާ މިންވަރަށް މިހާރު މަދުވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އެގައުމުގެ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ސްޓޭޓްތަކުން ބުނެފައިވެއެވެ.

އިންޑިޔާގެ ހަކަތައާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިންޑިއާގައި ކޯލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މަރުކަޒުތަކުގެ 80 އިންސައްތަ ޕްލާންޓަކީ މިހާރު ހާލަތު ދަށްވެފައިވާ ތަންތަނެވެ. ރިޕޯޓުތައް ބުނާގޮތުން އެގައުމުގައި މިހާރު ލިބެންހުރި ކޯލް ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ހަފްތާއަކަށް ވެސް ނުދެވޭނެއެވެ.

ހަކަތައިގެ ކާރިސާއެއް ކުރިމަތިވެފައިވާއިރު، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާ ސަރުކާރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެެފައިވެއެވެ. ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) އިން ބުނީ އެގައުމުގައި ކޯލް މަދުވުމުގެ ސަބަބަކީ އެކަށީގެންވާ ވަރަށް އެގައުމުގައި ކޯލް މައިން ނުކުރެވޭތީ ކަމަށެވެ. މިކަމަށް ސަރުކާރުން ފުރުސަތު ނުދޭކަން ފާހަގަ ކުރައްވާ، އެ ޕާޓީން ބުނެފައިވަނީ ކަރަންޓުގެ ހިދުމަތް ނުދެވޭ ކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ މިހާރު ސަރުކާރުގެ ވެރިން ކަމަށެވެ.

އެ ޕާޓީން މިފަދައިން ބުނެފައިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޭނުންވާ މިންވަރަށް ކޯލް ނުލިބިއްޖެނަމަ އެ ސަރަހައްދުގެ ކަރަންޓު ކެނޑިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލްވަނީ ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާބަސް

    އަދިވެސް ކަންދައްކަން ރާއްޖެއަށް މިލިއަނުން ހަރަދުކުރެވޭތޯ މިމީހުން ބަލަނީ. އަމިއްލަ ގައުމުގެ މީހުންގެ މައްސަލަތައް ހައްލުކުރެވޭނެ ޒަމާނެއް ނޭނގޭ އެކަމު އެހެން ގައުމުތަކަށް ތިމާމެންގެ އަސްކަރީ ބާރު ދައްކަން ފޫގަޅާފަ ތިބެނީ.