ޕޮލޭންޑުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އެގައުމުގެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

ޕޮލެންޑުގައި ކޮވިޑް ވޭދަނަތައް އިތުރުވާން ފެށުމާއި އެކީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު އެޑަމް ނިޑެޒިލްސްކީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ސިފަ ކުރެއްވީ އެއީ ކޮވިޑް ބޮމެއްގެ ގޮތުގައެވެ.

އެގައުމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރ ވިދާޅުވެފައިވަނީ މެއި މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެގައުމުން ދުވާލެއްގެ މައްޗަށް 5،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވާން ފަށާފައިވާތީއެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކުން ކޮވިޑް-19ގެ ވޭދަނަތައް ފެންނަ މިންވަރު ފާއިތުވި ދުވަސްތަކުގައި އިތުރުވެ، އެ ހިސާބުގެ ބައެއް ސަރަހައްދުތަކުގައި ވެކްސިން ދެވޭ ރޭޓު ދަށްވެ އިތުރު ނުރައްކާތެރި ބަލީގެ ރާޅެއް އަތުވެދާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

"ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަނީ ބަލިމަޑުކަމުގެ ‘ގޮވުމެއް’ ފެނިފައި. އަޅުގަނޑުމެންނަށް ހަފްތާއިން ހަފްތާއަށް އިތުރުވެފައި މިވަނީ 85 އިންސައްތައިން 100 އިންސައްތައަށްވުރެ މައްޗަށް." އެޑަމް ވިދާޅުވިއެވެ.

ވޭދަނަތަށް މިހާރު އިތުރުވަކުން އައިސް އަންނަ ހަފްތާގައި ދުވާލަކު 5،000 އަށް ވުރެ ގިނަ ވޭދަނަ ފެންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިހާރު ބަލި ފެތުރޭ މިންވަރާއި ޓްރެންޑަށް ބަލައި ހާލަތު ގޯސްވެއްޖެނަމަ، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ“ ލޮކްޑައުންއެއް އިއުލާން ކުރުމާ ބެހޭ ގޮތުން ސަރުކާރުގައި މިހާރު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

"ހަރުކަށި" ފިޔަވަޅުތަކެއް އެގައުމުގައި އަޅާނެކަމަށް ވިދާޅުވުމުން ނޫސްވެރިން ވަނީ ހަރުކަށި ފިޔަވަޅުތަކުގެ މާނައަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ، މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ފަރިތަ ކުރުމާ ބެހޭ ގޮތުން މިހާރު އަމަލުކުރަމުންދާ ގަވާއިދުތައް މިހާރަށްވުރެ ހަރުކަށި ކުރުން ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު