އިނގިރޭސިވިލާތުން ކޮވިޑް-19 އާވައްތަރެއް ފެނިއްޖެކަން އެގައުމުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓްގެ އިތުރު ސްޓެއިންއެއް މިހާރު އިނގިރޭސިވިލާތުގައި ފެތުރެމުންދާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ހެލްތު ސެކްރެޓަރީ ވިދާޅުވީ މިހާރު ފެތުރެމުންދާ އާވައްތަރުގެ ކޮވިޑަކީ މިހާތަނަށް ފެތުރިފައިވާ ކޮވިޑްގެ ވައްތަރުތަކާއި ބަލާއިރު ނުރައްކާ ވައްތަރެއްކަން ނުވަތަ ނޫންކަން ވެސް އަދި ބުނާކަށް ނޭނގެއެވެ. "އަދި އެއީ ނުރައްކާތެރި ވައްތަރެއްކަން ކަށަވަރު ކަމާއިއެކު ބުނާކަށް ނޭނގޭ. ނަމަވެސް އެއީ ނުރައްކާތެރި ކޮވިޑްގެ ވައްތަރަކަށްވުމުގެ ފުރުސަތު އޮތްކަން ގަބޫލު ކުރަން ޖެހޭ." ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ އާވައްތަރުތަކުގެ ކޮވިޑުން ރައްކާތެރިވުމަށް ކޮންމެހެން ވެސް ކޮވިޑްގެ ބޫސްޓަރ ޝޮޓް ޖަހަން ޖެހެއެވެ. "ކޮވިޑްގެ ބޫސްޓަރ ޝޮޓް ހަމައެކަނި ޖަހަން ވީކީ ކޮވިޑުން ސަލާމަތް ވާކަށް ނޫން. މިނިވަންކަމާއިއެކު ދިރިއުޅުމަށްޓަކައި ވެސް އެއީ މިހާރު ކުރަން މަޖުބޫރު ވެފައިވާ ކަމެއް." ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ މިހާރު އަޅުގަނޑުމެން މިތިބީ ވައިރަސް އާއި ވެކްސިނާއި ދެމެދު ޖަހާ ރޭހެއްގައި ކަމަށެވެ. ބަލިމަޑުކަމުން އަރައިގަތުމަށް ވައިރަސް އަށްވުރެ ހަލުވިކޮށް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ދިނުމަށް ފަހު ގިނަ ލުއިތަކެއް ވަނީ ދީފައެވެ. ލުއިތަކުގެ ސަބަބުން އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. މިހާރު ދުވާލަކު އެގައުމުން ފައްސިވާ މީހުންގެ އަދަދު ބައިލައްކަ އާއި ކައިރިކޮށްފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ ދިގުދެމިގެންދާނަމަ ކޮވިޑްގެ އިތުރު ވައްތަރުތައް އުފެދުން ގާތްކަމަށް ތަޖުރިބާކާރުން ކުރިން ވެސް އައީ ވިދާޅުވަމުންނެވެ. އެކަމަށް ފުރުސަތު ނުދިނުމަށްޓަކައި ކޮވިޑުން ދިފާއުވުމަށް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ވެސް ތަޖުރިބާކާރުން އަންނަނީ އިރުޝާދު ދެމުންނެވެ.

މިހާރު ވެސް ދުނިޔޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ވެކްސިން ވީނު ޑްރިންކެއްގެ ގޮތުގައި ބޭނުންކުރަން. ގައުމުތައް ބަނޑަށް ޖައްސަން ވެކްސިން ވިއްކުން ނޫންކަމެއް އެބައޮތްތަ؟

  2. ޝައްފާފް

    އެކަމަކު ރާއްޖޭގައި އުޅެނީ ކޮވިޑުގެ މައިކާލޯ ވޭރިއެންޓު..އެހެންވީމާ އެޗްޕީއޭގެ މާބޮޑު ހާސްކަމެއް ތަކުލީފެއް ނެތެވެ.

  3. ކާފަ

    ތިވާނީ އޮކްސްފޯޑް ލެބުން ގަސްތުގައި ދޫކުރި ވައިރަހަކަށް

  4. އިންސާނާ

    އިންސާގެ ބާރެއް އާރެއް ނެތްކަން ގަބޫލުކުރާނީ ކޮންދުވަހަކުންބާ.... ބައެއް ޤައުމުތަކުގެ ސަރުކާރުން ރައްޔިތުންނާއިދޭތެރޭ ވިސްނާނީ ކޮންދުވަހަކުންބާ.....ފަގީރުން އިންތިހާއަށް ގިނަވުމާއި، ރެފިއުޖީން ގިނަވުމާއި، އެތަށް މިލިއަން ކުޑަކުދިންނެއް ކާނެ ބޯނެ އެއްޗެއްނުލިބި އުޅޭ ހާލަކީ ވެރިންނާއި މުއްސަނދިން ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް.... ކުށެއްނެތް އެތަށް ޤައުމުތަކެއް ސުންނާފަތި ކުރަނީ...

  5. އަޙްމަދް

    ސިއްޙީ ބިރުވެރިކަން އުފައްދާ އެކަން ފުޅާކުރުމުގެ ބޭނުމަކީ
    ވެކްސިން ވިއަފާރި ފުޅާކުރުމެވެ.

  6. ޖިސާދު

    ސާޖިދު އެއީ ކާކުތަ؟ ކިޔަވައިގެން ހުރި މީހެއްތަ؟ ނޫނީ ހަމަ އެކަނި ބޮލެއްތަ؟ ޕަޕެޕެޓެއްތަ؟