މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިޓަލީވިލާތުގެ ގައުމީ އެއާލައިންގެ ގޮތުގައި އޮތް އެލިޓާލިއާގައި މަސައްކަތް ކުރި ކެބިންކްރޫންގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން އެމީހުންގެ ވަޒީފާ ގެއްލުމުން އިހްތިޖާޖަށް މަގުމައްޗަށް ނިކުމެ މަގުމަތީގައި ތިބެ ޔުނީފޯމް ބާލައިފިއެވެ.

އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ އެންމެ މަޝްހޫރު އެއްސަރަހައްދު ކަމަށްވާ ކެމްޕިޑޮލިގޯގައި އިހްތިޖާޖު ކުރި ކެބިންކްރޫންގެ ޝަކުވާއަކީ އެލިޓާލިއާ އުވާލުމަށްފަހު އުފެއްދި އިޓަލީވިލާތުގެ އާއެއާލައިން ކަމަށްވާ އިޓާލިއަން ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ) އެއާލައިނުން އެމީހުންނަށް ވަޒީފާ ނުދިނުމެވެ. އެއާލައިން އުވާލުމާއިއެކު އެލިޓާލިއާގެ ހުރިހާ ކެބިންކްރޫންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

އައިޓީއޭ އަށް އެލިޓާލިއާގެ ކެބިންކްރޫން ނެގުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އައިޓީއޭ އިން ހުށަހަޅާ ހަރުކަށި އުސޫލުތަކުގެ ސަބަބުން ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވެން ނެތްކަމަށް މުވައްޒަފުންގެ ޔޫނިއަން އިން ވަނީ ބުނެފައެވެ. މުވައްޒަފުންގެ ޔޫނިއަންގެ ޑިމާންޑަކީ އެލިޓާލިއާގައި ވެސް އޮތްފަދަ ވަޒީފާގެ އެއްބަސްވުމެއް މުވައްޒަފުންނަށް ދިނުމަށެވެ. ނަމަވެސް އައިޓީއޭ އިން އެކަމަށް ދެކޮޅު ހަދައެވެ.

އިހްތިޖާޖު ކުރި ކެބިންކްރޫން ބުނާ ގޮތުގައި އެމީހުން އިހްތިޖާޖަށް ނިކުންނަން ޖެހުނީ އެމީހުންގެ ކަންބޮޑުވުންތައް މީޑިއާގައި ފާޅުކުރުމުން ވެސް އެއްވެސް ފަރާތަކުން އެކަމަށް އަޅައި ނުލުމުންނެވެ.

އިހްތިޖާޖު ކުރި މުވައްޒަފުން ޔުނީފޯމް ބޭލި ނަމަވެސް އެމީހުން ތިބީ ޔުނީފޯމްގެ އެތެރެއިން ކްރީމް ކުލައިގެ ހެދުމެއް ލައިގެންނެވެ. އެހެންކަމުން އެއްވެސް މުވައްޒަފަކު ބަރަހަނާ ވެފައެއް ނުވެއެވެ.

އެލިޓާލިއާ އުވާލިއިރު އެކުންފުނީގައި 10000 މުވައްޒަފުން ތިއްބެވެ. ނަމަވެސް އައިޓީއޭ ފަށާފައި ވަނީ އެންމެ 3000 މުވައްޒަފުންނާއި އެކުއެވެ. އެއީ ކުންފުނީގެ ހަރަދުތައް ކުޑަކުރަން ވެގެން ކުރިކަމެކެވެ. ނަމަވެސް މަސައްކަތްތެރިންގެ ޔޫނިއަން އިން ބުނާ ގޮތުގައި އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. "އެމުވައްޒަފުން ވެސް ނަގާފައި ވަނީ ވަރަށް ބޮޑަށް ހައްގުތައް ހަނިކޮށްގެން ހަދާފައިވާ އެއްބަސްވުމެއްގައި ސޮއި ކުރުވައިގެން." ޔޫނިއަންގެ ބަޔާނެއްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް

    "އިހްތިޖާޖު ކުރި މުވައްޒަފުން ޔުނީފޯމް ބޭލި ނަމަވެސް އެމީހުން ތިބީ ޔުނީފޯމްގެ އެތެރެއިން ކްރީމް ކުލައިގެ ހެދުމެއް ލައިގެންނެވެ. އެހެންކަމުން އެއްވެސް މުވައްޒަފަކު ބަރަހަނާ ވެފައެއް ނުވެއެވެ." ބަރަހަނާ ނުވެގެންތަ ތިއުޅެނީ... އެއީ ބޭކާރު ޖުމްލައެއް....

    14
    2
  2. ދޯ

    އަންހެނުންގެ ހައްގު ތަކާބެހޭ ގުރޫޕުތަށް މީގެ ތެރެއަށް ނުވަދޭބާ އަނެއްކާ. ވަޒީފާ ގެއްލުނީ އަންހެނުންނަށް ވާތީ ހަމަ ބުނެލީ. ބޯ ފަޅައިގެން ދާ ވަރުވޭ މިކަމަކާހުރެ.