ދަ އަފްޣާނިސްތާން ބެންކް(ޑީއޭބީ) ގެ ރިޒާވްގައި ނުވަ ބިލިއަން ޑޮލަރު(138.7 ބިލިއަން ރުފިޔާ) އެބަހުރި ކަމަށާއި މިއިން އެއްވެސް ފައިސާއަކަށް ތާލިބާނުން ބާރު ނުފޯރުވޭނެ ކަމަށް އެ ބޭންކުގެ ކުރީގެ ގަވަނަރު އަމްޖަދް އަހްމަދީ ވިދާޅުވެއްޖެއެވެ.

އެކާވީސް އަހަރަށް ފަހު އަފްޣާނިސްތާނުގެ ބިމަށް ތާލިބާނުން އަތްގަދަކޮށް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގައުމު ގެނެސްފައިވާ އިރު ތާލިބާނުން ވަނީ ވަކި ސަރުކާރެއް ގާއިމްކޮށް އެ ސަރުކާރު ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކަށް އަންގައިފައެވެ.

ކުރިން ވެރިކަން ކުރި ގޮތާ ހިލާފަށް މިފަހަރު އަފްޣާނިސްތާނުގައި ވެރިކަން ކުރާނެ ކަމަށް ތާލިބާނުން ބުނަމުންދާ އިރު އެ ޖަމާއަތަށް އަދިވެސް އިތުބާރު ނުކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ ޖަމާއަތުން އަދިވެސް ދަނީ ހަރުކަށި ފިކުރާ ދިމާލަށް މިސްރާބު ޖަހަމުން ކަމަށާއި އެގައުމުގެ ބޭންކުތަކާއި އެހެނިހެން ފައިސާ ދޮރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ތާލިބާނުން ބޭނުންކޮށްފާނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އަދިވެސް ތާލިބާނުންގެ ސަރުކާރު ބަލައިނުގަންނައިރު އެގައުމުގެ ބެންކުގައި ރިޒާވްގައި ފައިސާ ތާލިބާނުންނަށް ނެގޭނެތޯ ނޫންތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އެގައުމުގެ ރަސްމީ ބެންކުގެ ކުރީގެ ގަވަނަރު އަހްމާދީ ވިދާޅުވީ ތާލިބާނުންނަކީ އިންޓަނޭޝަނަލް ސެންކްޝަން ލިސްޓުގައި އޮތް ގައުމެއް ކަމަށެވެ.

އިންޓަނޭޝަނަލް ސެންކްޝަން ލިސްޓަކީ ގާނޫނު ތަކަށް ބޯނުލަނބާ ޖަމާއަތްތަކާއި ގިނަ ހައްގުތަކުން ވަކިކޮށްފައިވާ ފަރާތްތައް ހިމަނައިގެން ހަދާފައިވާ ލިސްޓެކެވެ. މި ލިސްޓުގައި ތާލިބާނުންގެ ޖަމާއަތް ހިމެނިފައި އޮތުމުގެ ސަބަބުން އެ ޖަމާއަތަށް އަފްޣާން ރަސްމީ ބެންކުގެ އެއްވެސް ފައިދާއެއްގައި އަތް ނުލެވޭނެ އެވެ.

ޔޫއެސްގެ ޓްރެޝަރީގެ ހުއްދަނެތި ތާލިބާނުންގެ ޖަމާއަތަށް ބޭރުގެ އެއްވެސް ޖަމާއަތެއްގެ އެހީވެސް ނުލިބޭއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް) ގައި ޑީއޭބީ އިން އެދުނު 450 މިލިއަން ޑޮލަރުގެ ލޯން އެހީވެސް އެ ޖަމާތަށް ނުދެވޭނެ ކަމަށް އައިއެމްއެފް އިންވެސް ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާނުގެ އިގްތިސާދު މިހާރުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވާއިރު މިހާރުވެސް އެގައުމުގެ ސަރުކާރު އޮތީ އިންސާނިއްތުކަމަށް ބޭރުގެ އެހީދޭ ޖަމާއަތްތަކުން ދޭ އެހީގެ މައްޗަށް ކަމަށް މީޑިޔާތަކުން ބުނެއެވެ.