ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ރަަޝިއާގެ މޮސްކޯ ފުރަބަންދު ކުރުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެ، ބަލީގެ ނުރައްކާ އިތުރުވަމުން އަންނާތީ މޮސްކޯ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށެވެ.

މޮސްކޯގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ މި މުއްދަތުގައި ހަމަ އެކަނި ހުޅުވައިގެން ހިދުމަތް ދެވޭނީ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ އެއްޗެހި ވިއްކާ ސުޕަމާކެޓް ތަކާއި ބޭސް ފިހާރަ ކަހަލަ ތަންތަން ކަމަށެވެ. އެތަންތަން ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދު ވާނެ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

އެފަރާތްތަކުން ބުނެފައިވަނީ ސިނެމާތަކާއި މިއުޒިއަމްތަކަށް ވަދެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށާއި އެފަދަ ތަންތަނުން ވަދެވޭނީ އެތަނުގެ ޖާގައިގެ ދެބައި ކުޅަ އެއްބައި މީހުންނަށް ކަމަށެވެ.

އެސިޓީގެ ހާލަތު ކިޔައި ދެމުން މޭޔަރ ސާޖީ ސޮބްޔަނިން ބުނެފައިވަނީ ކޮވިޑް ހާލުތު އަންނަނީ ހީވެސް ނުކުރާހާ ނުރައްކާތެރި ހާލަތަށް ކަމަށާއި އަވަސް ފިޔަވަޅެއް ނާޅައިފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ބަލިވާ މީހުންގެ އިންސައްތަ އިންތިހާއަށް އިތުރުވެދާނެ ކަމަށެވެ.

މޮސްކޯ ފުރަބަންދު ކުރުމަށް ނިންމާފައިވާއިރު، ރަޝިއާގެ ރައީސް ޕޫޓިން ވަނީ ރަޝިއާގެ ހުރިހާ އޮފީސްތައް މިމަހުގެ 30 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ބަންދު ކުރުމަށް އަންގާފައެވެ.

ރަޝިއާގައި މިފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ ފާއިތުވި ދުވަސްތަކުގައި ކޮވިޑް ބައްޔަށް ފައްސިވާ މީހުންގެ އިންސަތައް އިތުރުވެ، މަރުވާ މީހުންގެ އަދަދު ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު