ލިބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ މަންގޫޝް ސަސްޕެންޑް ކޮށްފިއެވެ.

ލީބިޔާގައި ވެރިކަންކުރާ ރިޔާސީ ކައުންސިލުން ހާރިޖީ ވަޒީރު ނަޖްލާ މަންގޫޝް ސަސްޕެންޑްކުރީ އިދާރީ ގޮތުން ހިލާފުތަކެއް ހިންގާފައިވާތީއެވެ. ވަޒީފާއިން ސަސްޕެންޑް ކުރުމުގެ އިތުރުން ނަޖްލާއަށް ދަތުރުކުރެއްވުން މަނާކޮށްފައިވެއެވެ.

ކައުންސިލްގެ ތަރުޖަމާނަކު ވިދާޅުވީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އިދާރާއިން މަންގޫޝް ސަސްޕެންޑް ކުރީ ހޮނިހިރު ދުވަހު ކައުންސިލާ ކޯޑިނޭޓް ނުކޮށް ހާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ތަރުޖަމާނު ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، ލީބިޔާގެ އިންތިޤާލީ ސަރުކާރުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ކައުންސިލްގެ ނިންމުމާ ދެކޮޅު ހަދާފައެވެ. ސަރުކާރުން ނެރެފައިވާ އެ ބަޔާނުގައި ވަނީ މިނިސްޓަރުގެ މަސައްކަތަށް ތައުރީފުކޮށް، އާންމު ގޮތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާކަން ފާހަގަ ކުރައްވާފައެެވެ.

"އެގްޒެކެޓިވް އޮތޯރިޓީގެ މެމްބަރުން އައްޔަން ކުރުމާއި ސަސްޕެންޑް ކުރުމާއި ތަހުގީގު ކުރުމުގެ އެއްވެސް ގާނޫނީ ހައްގެއް ރިޔާސީ ކައުންސިލަށް ލިބިގެން ނުވޭ" އެ ބާރު ލިބިގެން ވަނީ ބޮޑުވަޒީރަށްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ހާރިޖީ ވަޒީރު ސަސްޕެންޑް ކުރުމާއި ސަރުކާރުން ދެކޮޅުހަދާފައިވާއިރު، މިކަމުގެ ސަބަބުން ލީބިޔާގެ ވާދަވެރި ފެކްޝަންތައް ގުޅިގެން މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ލިބިޔާގެ ވާދަވެރި ފެކްޝަންތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ހިތުން މޮޅުތަކެއްވާނެކަމަށް ގައްދާފީގެ ވެރިކަން ވައްޓާލާ ގައްދާފީ މަރާލާފަ ވެރިކަން ހޯދީ މިއަދު ޤައުމުގައި ހަމަޖެހުމެއްނެތް..