އިންޑިއާގެ ރާޖަސްތާނުގެ މަގުތައް ވާން ޖެހޭނީ ބަތަލާ ކެޓްރީނާ ކެއިފުގެ ކޯތާފަތް ހާ އޮމާން ތަނަކަށް ކަމަށް ރާޖަސްތާނަށް ދާދިފަހުން އައްޔަން ކުރި މިނިސްޓަރ ރާޖެންދުރަ ގުދާ ވިދާޅުވެއްޖެއެވެ.

އުދެއިޕޫރުގެ ރައްޔިތުންނާއި މުހާތަބުކޮށް ރާޖެންދުރަ ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ މީސް މީޑިޔާގައި އާއްމު ވެފައެވެ. ރައްޔިތުންގެ ބޭނުންތަކުގެ ވާހަކަތައް ދައްކަމުން އަވަށުގެ މަގުތައް ހެދުމަށް އެދިފައިވެއެވެ.

މަގުތައް ހެދައިދިނުމަށް ރައްޔިތުން އެދުމުން ޕަބްލިކް ވާކް ޑިޕާޓްމަންޓްގެ ޗީފް އެންޖިނިއަރ އާއި މުހާތަބުކޮށް އޭނާ ވިދާޅުވީ، ކެޓްރީނާގެ ކޯތާފަތް ހާ މަގުތައް އޮމާން ވާން ޖެހޭނެ ކަމަށެވެ.

ރާޖެންދުރަ އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ ހެމާ މާލިނީގެ މޫނު ހާ މަގުތައް އޮމާން ވާން ޖެހޭނެ ކަމަށެވެ. އެއަށް ފަހު މިހާރު އެންމެ ރީތީ ކޮން ބަތަލެއް ތޯ ސުވާލުކޮށް އެއީ ކެޓްރީނާ ކަމަށް ބުނުމުން އޭނާގެ ކޯތާފަތް ހާ މަގުތައް އޮމާން ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާޖެންދުރަ މިހެން ވިދާޅުވުމުން ހުރިހާ ރައްޔިތުން ވެސް އެކަމާއި ހިތްހަމަ ޖެހި އޭނާއަށް ތަރުހީބު ދީފައިވެއެވެ.

ރާޖަސްތާނުގެ ގިނަ އަވަށް ތަކުގެ މަގުތައް ހުރީ އަލުން ރީތި ކުރަން ޖެހިފައިވެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ މަގުތައް ބައެއް އެކްޓަރުންގެ މޫނު ހާ އޮމާންކޮށް ބެހެއްޓުމަށް ވާހަކަ ދައްކާފައެވެ.

2005 ވަނަ އަހަރު ބިހާރުގެ ޗީފް މިނިސްޓަރެއް ވެސް ވަނީ ހެމާ މާލިނީގެ މޫނު ހާ މަގުތައް އޮމާން ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު