ކޮވިޑް-19 ވައިރަސް އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވޭރިއަންޓް މިހާތަނަށް ފެނުނު ހުރިހާ ގައުމަކަށް ވެސް ޔޫރަޕްގެ ގައުމުތަކުން ކުރާ ވައިގެ ދަތުރުތައް ހުއްޓާލައި، ހުރިހާ ފްލައިޓް ދަތުރެއް ސަސްޕެންޑް ކުރަން އީޔޫ އިން މެންބަރު ގައުމުތަކަށް އިލްތިމާސް ކޮށްފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ލެޔެން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާވެރިއަންޓް ފެނުނު ގައުމުތަކަށް ހުރިހާ ފްލައިޓް ދަތުރުތަކެއް ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ. "މިގައުމުތަކަށް ކުރާ ހުރިހާ ފްލައިޓް ދަތުރުތަކެއް ސަސްޕެންޑް ކުރަން ޖެހޭ. އަލަށް ފެނިގެން އުޅޭ ވޭރިއަންޓްގެ ނުރައްކާތެރިކަން ކަށަވަރުކޮށް، ވޭރިއަންޓްގެ އިތުރު މައުލޫމާތުތައް ސާފު ނުވަނީސް އެގައުމުތަކަށް ދަތުރު ކޮށްގެން ނުވާނެ." ލެޔެން ވިދާޅުވިއެވެ.

ކޮވިޑްގެ އާވޭރިއަންޓް މިހާރު ވަނީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލްޖިއަމް އިން ވެސް ފެނިފައެވެ. ބެލްޖިއަމް އިން އާވޭރިއަންޓަށް ފައްސިވި މީހަކީ މިސްރުން ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ބެލްޖިއަމަށް ދިޔަ މީހެކެވެ. އޭނާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އާއި އެފްރިކާ ބައްރުގެ ބައެއް ގައުމުތަކަށް ފްލައިޓް ދަތުރުތައް ކުރުން ހުއްޓާލާފައެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ދެކުނު އެފްރިކާގެ އިތުރުން ނަމްބިއާ، ލެސޯތޯ، ބޮޓްސްވާނާ، އެސްވަތީނިއާ އަދި ޒިމްބާބްވޭ އަށް ފްލައިޓް ދަތުރުތައް ކުރުން ހުއްޓާލާފައެވެ.

ކޮވިޑްގެ އާވޭރިއަންޓް ފެނުނު ގައުމުތަކަށް ފްލައިޓްތައް ދަތުރު ނުކުރަން އީޔޫ އިން އެދުނު ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ އާވެރިއަންޓް ފެނުނު ގައުމުތަކުގެ މީހުން އެހެން ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ނޭޅުމަށް އިލްތިމާސް ކޮށްފައެވެ.

ނަމަވެސް ކޮވިޑާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގިނަ ގައުމުތަކުން ޑަބްލިއުއެޗްއޯގެ އެންގުންތަކަށް ތަބައެއް ނުވެއެވެ. ސަބަބަކީ ޑަބްލިއުއެޗްއޯގެ ނިންމުންތައް ލަސްވުމުގެ ސަބަބުން އެކަމުގެ ގެއްލުން ގައުމުތަކަށް ލިބެމުންދާތީއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯ ނުކުޅެދިފައިވާ ކަމަށް ބުނެ ގިނަ ތަޖުރިބާކާރުންގެ ފާޑުކިޔުން ޑަބްލިއުއެޗްއޯ އަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު