ޖޮކްއިން އެލްޗަޕޯ ގުޒްމަންގެ އަނބިމީހާ އެމާ ކްރޯނެލް ތިން އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އެލްޗަޕޯ އަކީ މެކްސިކޯގެ ގޭންގް ލީޑަރެކެވެ. އޭނާ އަކީ ފަހުގެ ތާރީހްގައި ދުނިޔޭގައި އުފެދުނު އެންމެ ބޮޑު މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ކަމަށް ތުހުމަތު ކުރެވެއެވެ. އެލްޗަޕޯ ގެންނަދީ އެމެރިކާގެ ޖަލެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އެލްޗަޕޯގެ އަނބިމީހާ، އެމާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އައީ ސިނަލޯއާ ކާޓެލްގައި އޭނާ އަދާކުރި ދައުރުގެ ސަބަބުންނެވެ. އެލްޗަޕޯ މެކްސިކޯގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ ޖަލުން ފިލުމަށް އެމާ އެހީތެރިވިކަމަށް އޭނާ ވަނީ ޝަރީއަތުގައި އެއްބަސްވެފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. ނަމަވެސް އެމާ ކުށް އިއުތިރާފްވެ ޕްރޮސެކިއުޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާތީ ޕްރޮސެކިއުޓަރުން ވަނީ އެމާގެ މައްޗަށް ކުޑަ ހުކުމެއް އިއްވައި ދިނުމަށް އެދިފައެވެ.

އެމާ ވަނީ ސިނަލޯއާ ކާޓެލް އިން އެމެރިކާ އަށް އެކިބާވަތުގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި ވެސް ބައިވެރި، އެގޭންގަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިކަން ކޯޓުގެ ލިޔުންތަކުން އެނގެއެވެ.

އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި މެކްސިކޯގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ އެލްޗަޕޯ 2015 ވަނަ އަހަރު ފިލީ އެމާގެ ބޮޑު ދައުރެއް އޮވެގެންނެވެ. އެފަހަރު އޭނާ ޖަލުން ފިލީ ބިމު އަޑިން މަގެއް ކޮނެގެންނެވެ. އެފަހަރު އެމާ ވަނީ އެލްޗަޕޯ ޖަލުގައި ހުއްޓާ ޖަލަށް ޖީޕީއެސް ލިބޭ ގަޑިއެއް ވައްދައިދީފައެވެ. ސިނަލޯއާ ކާޓެލްގެ މީހުންނަށް ބިމު އަޑިން މަގެއް ކޮނެ އެލްޗަޕޯ އާއި ހަމައަށް ދެވުނީ އެގަޑީގެ ސަބަބުންނެވެ.