ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން އިންޑިއާގެ ޖައުޕޫރްއަށް ދަތުރު ކުރި އާއިލާއެއްގެ ގިނަބަޔަކު ކޮވިޑަށް ފައްސިވެ މުޅި އާއިލާ އަށް ބިރުވެރިކަން ކުުރިމަތިވެއްޖެއެވެ. މިއީ އާ ވޭރިއެންޓްގެ ބިރުވެރިކަން ކަމަށް މިހާރު ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އާއިލާގެ ތެރެއިން މިހާރު ދެކުނު އެފްރިކާއިން އެނބުރި އައި މީހުން ވަނީ ރަޖަސްތާންގެ ޔުނިވާސިޓީ އޮފް ހެލްތް އެންޑް ސައިންސްގައި އެޑްމިޓްކޮށްފައެވެ. އަދި އެ އާއިލާ ތެރެއިން ނެގި 9 ސުންކެއް މިހާރު ވަނީ ޖައުޕޫރް ސަވާއީ މޭން ސިންގް ހޮސްޕިޓަލަށް ތަހުލީލަށް ފޮނުވާފައެވެ.

ޗީފް މެޑިކަލް އެންޑް ހެލްތު އޮފިސަރ ޑރ ނަރޮޓަމް ޝަރްމާ ވިދާޅުވީ، އެ އާއިލާއިން ޓެސްޓު ކުރުމަށް 14 ސުންކެއް ނެގިއިރު، އޭގެ ތެރެއިން ނުވަ ސުންކެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

"އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެނގުނީ ހަތަރު މީހަކު އައީ ދެކުނު އެފްރިކާއިން ކަން".

އެހެންކަމުން ދެކުނު އެފްރިކާއިން އައި މީހުންނާއި މެެދު ކަންތައް ކުރަން އޮންނަ އުސޫލުގެ ތެރެއިން ހަތަރު މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އަދި ބާކީ ތިބި ފަސް މީހުން ތިބީ ގޭގައި ކަރަންޓީން ކޮށްފައެވެ.

މިހާރު ރާޖަސްތާންގައި ކޮވިޑް ޖެހިފައި ތިބީ 213 މީހެކެެވެ. އޭގެ ތެރެއިން ޖައުޕޫރްގައި ތިބީ 114 ވޭދަނައެވެ.

އިންޑިއާއިންވެސް މިހާރު އާ ވޭރިއެންޓްގެ ދެ ވޭދަނަ ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު