ޕާކިސްތާންގެ ފެކްޓްރީއެއްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތަކު އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އޭނާ އަށް ހަމަލާދީ މަރާލި މައްސަލައިގައި މިހާތަނަށް 120 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާން ފުލުހުން ބުނެފިއެވެ.

ސްރީލަންކާ މީހާ މަރާލާފައި ވަނީ އޭނާ ކާރުގައި ދަތުރު ކުރަމުން ދަނިކޮށް މަގުމަތިން ކާރު ހުއްޓުވައި ހަމަލާ ދީގެންނެވެ. އެތައް ބަޔަކު ވެގެން އޭނާ އަށް ހަމަލާދީ މަރާލިއިރު ބައެއް މީހުން ތިބީ ކާކުކަން ނޭނގޭ ގޮތައް މޫނު އައްސައިގެންނެވެ. ނަމަވެސް އަނެއްބަޔަކު ތިބީ ކޮންބައެއްކަން އެނގޭނެ ގޮތަށެވެ. އަދި ބައެއް މީހުން ވަނީ އޭނާ މަރާލުމަށް ފަހު ހަށިގަނޑާއިއެކު ސެލްފީ ނަގައި، ސެލްފީ މީސް މީޑިއާގައި އާއްމު ވެސް ކޮށްފައެވެ.

ސްރީލަންކާ މީހާއަށް ހަމަލާދިނީ އޭނާ އިސްލާމްދީނަށް ފުރައްސާރަ ކުރާތީ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ފުލުހުން ބުނީ އޭނާ އަށް ހަމަލާދިނީ އިސްލާމްދީނަށް ފުރައްސާރަ ކުރާތީ ކަމަށް އަދި ތަހްގީގުގައި ނިންމާފައި ނުވާ ކަމަށެވެ.

މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށާއި އޭނާ އަށް ހަމަލާ ދިނީ އޭނާ މަސައްކަތް ކުރާ ފެކްޓްރީގެ މުވައްޒަފުންތަކެއް އޭނާ އާއި މެދު އޮތް ނަފްރަތެއްގެ ސަބަބުންތޯ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ޕާކިސްތާންގެ ވެރިރަށް ކަރާޗީގައި އިއްޔެ ސްރީލަންކާގެ މަސައްކަތްތެރިންނާއި ޕާކިސްތާންގެ މަދަނީ ޖަމިއްޔާތަކުން ވަނީ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާގައި ވަނީ ސްރީލަންކާ މީހާގެ މަރު ކުށްވެރިކޮށް އޭނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ ވަނީ މަރުވި ސްރީލަންކާ މީހާ އަށް ޕާކިސްތާނުން އިންސާފު ހޯދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު