ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެމަނިކުފާނު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަަމަށް އެ ގައުމުގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވާގޮތުން ރާމަފޯސާގެ ގައިން ބަލީގެ އަލާމާތްތައްވެސް ދަނީ ފެންނަމުންނެވެ. އަދި އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާކަމަށް އެ ބަޔާނުގައި ވެއެވެ.

ރާމަފޯސާ ވަނީ ކޮވިޑުން ދިފާއު ވުމަށް ވެކްސިންވެސް ފުރިހަމަ ކުރައްވާފައެވެ. އެމަނިކުފާނުގެ ހާލަލު ގޯސްފައި ވަނީ ކުރީގެ ނައިބް ރައީސް އެފް-ޑަބްލިވް ޑެ ކްލާކަށް ހަނދާނުގައި ބޭއްވި ބައްދަލުވުމަށް ކޭޕް ޓައުންއަށް ވަޑައިގެންނެވި ފަހުން ކަމަށް ވެއެވެ. އަދި އެމަނިކުފާނުގެ ހާލަތު ޑޮކްޓަރުން ގާތުން ބައްލަވަމުންގެންދަވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިހާރު އެމަނިކުފާނު ވަނީ ހުރިހާ ޒިންމާތަކެއް ހަފްތާއެއްގެ މުއްދަތަށް ނައިބް ރައީސްއާ ހަވާލުކުރައްވާފައެވެ.

ދެކުނު އެފްރިކައަކީ ކޮވިޑްގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން އެންމެ ފުރަތަމަ ފެނުނު ގައުމެވެ. އެހެން ނަމަވެސް ރާމަފޯސާ ފައްސިވެފައި ވަނީ ކޮވިޑްގެ އާ ވައްތަރަށް ކަން ރައީސް އޮފީހުން ކަށަވަރުކޮށް ނުދެއެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ، އެ ޓީމްގެ އިތުރު ބޭފުޅުންވެސް ކޮވިޑަށް ފައްސިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެފްރިކާގެ ގައުމުތަކަށް މިިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅަށް ފަހުގައި ކަމަށްވެސް އެ އޮފީހުން ވިދާޅުވެފައި ވެއެވެ.

އަދި މިހާރު ރައީސް އާ ގާތުން އެއްތާވި މީހުން އެކަހަރިވެ ކޮވިޑަށް ޓެސްޓު ކުރަން އަންގާފައިވާނެ ކަމަށް އޮފީހުން ވިދާޅުވެފައި ވެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އެ ގައުމުގައި ކޮވިޑްގެ ރާޅެއް އަރާފައި ވަނީ އާ ވޭރިއެންޓާއި އެކުގައި ކަމަށެވެ. އެގޮތުން އެ ގައުމުގައި މިހާރު ދުވާލަކަށް ކޮވިޑަށް ފައްސިވާ އަދަދުތައް 18،000 އިން މަތީގައި އުޅޭއިރު، މި ވޭދަނަތަކުގެ ތެރެއިން 70 އިންސައްތައަށްވުރެ މަތި ވޭދަނަތަކަކީ އޮމްކްރޮންއެވެ.

އެހެން ނަމަވެސް މިހާތަނަށް ފައްސިވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ގައިން ބަލީގެ އަލާމާތްތައް މަދުން ފެންނައިރު، ހާލަތު ގޯސްވެ އޮކްސިޖަން ފޯރުކޮށްދޭން ޖެހޭ މީހުންގެ އަދަދުތައް މަދު ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.