ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހައި ގާނާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަންނަ ކޮންމެ ފަސިންޖަރަކަށް 3500 ޑޮލަރުން އެ ފަސިންޖަރު ދަތުރުކުރި އެއާލައިން ޖޫރިމަނާ ކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ގާނާގެ އެއާޕޯޓު ކުންފުނިން ބުނީ، ބުދަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށް އެގައުމުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ދަށުން އަކްރާގެ ކޮޓޯކާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ފޯމު ފުރިހަމަ ނުކުރާ ދަތުރުވެރިން ވެސް ހަމަ 3500 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މީގެއިތުރުން، އެ ކުންފުނިން ބުނީ މި ޝަރުތުތައް ފުރިހަމަ ނުކޮށް ގާނާއަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންނަށް ގައުމަށް އެތެރެެވެވޭނެ ކަމަށާއި، 14 ދުވަހު ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް، ބޭރު ގައުމުތަކުގެ މީހުން ޝަރުތުތައް ފުރިހަމަ ނުކޮށް ދަތުރުކޮށްފިނަމަ، ގައުމަށް އެތެރެ ނުވެވޭނެ ކަމަށް ބުނެފައިވެއެވެ.

އެގައުމުގައި ވެކްސިނާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް މިވަނީ އަޅާފައެވެ. އެގޮތުން، އެގައުމަށް ދަތުރުކުރާ 18 އަހަރުން މަތީގެ ހުރިހާ ފަސިންޖަރުން ވެކްސިން ޖަހާފައިވާކަން ކަށަވަރުކޮށްދޭ ލިއުމެއް ދަތުރުކުރާއިރު ހުށަހައަޅަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

"ގައުމުތަކުން ދަތުރުކުރާ މީހުންގެ ތެރެއިން އޮމިކްރޮން ވޭރިއެންޓް ދެނެގަނެވުމާއި، ވޭދަނަތައް ފެންނަ ވަރު ފެސްޓިވަލް ސީސަންއާއި ދިމާކޮށް އިތުރުވާނެ ކަމަށް ލަފާކޮށް، ވޭދަނަތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކެއް މީ،" ގާނާގެ ހެލްތު ސާވިސްއިން މިދިޔަ ހަފުތާގައި ނިންމި ނިންމުން އިއުލާން ކުރަމުން ބުނެފައިވެއެވެ.

ގާނާއިން މި ގަވާއިދުތައް އެކުލަވާލައިފައިވަނީ، އަލަށް ބައްޔަށް ފައްސިވީ މީހުންގެ 60 އިންސައްތަ އަކީ އެއާޕޯޓުން ފައްސިވީ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވަނިކޮށެވެ.