ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ވޭރިއެންޓް ގިނަ ގައުމުތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި ފިޔަވަޅުތަކުގެ ފައިދާއެއް ނެތް ކަމަށް އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ ސާޖިދް ޖަވާދް ބުނެފިއެވެ.

އެގައުމުގައި ކުރިއަށް ގެންދިޔަ މަޖިލިސް ބައްދަލުވުމެއްގައި ސާޖިދް ބުނީ، އިނގިރޭސިވިލާތުގެ މުޖުތަމައު ތެރޭގައި އޮމިކްރޮން ވޭރިއެންޓް ފެތުރެމުން އަންނަ ކަމަށާއި މުޅި ދުނިޔެއަށް ވެސް މި ވޭރިއެންޓް ދަތުރު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މިވަގުތު ގައުމުތަކުން މީހުން އައުން މަނާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ދެކުނު އެފްރިކާގެ އިތުރުން އަންގޯލާ، ބޮޓްސްވަނާ، އެސްވަޓީނީ، ލެސޯތޯ، މަލާވީ، މޮޒަމްބިކޫ، ނަމީބިއާ، ނައިޖީރިއާ، ޒަމްބިއާ އަދި ޒިމްބާބޭ ލާފައިވާއިރު، މިވަގުތު އެގައުމުގެ ރަތް ލިސްޓުން މިގައުމުތަށް ވަނީ އުނިކޮށްފައެވެ.

"އަޅުގަނޑުމެން ޓެސްޓް ކުރުމުގެ ކަންތައްތައް ކުރާނަން ބޭރުން އަންނަ މީހުންގެ. އެހެން ނަމަވެސް މިއަދުން ފެށިގެން 11 ގައުމެއް ވާނީ ރަތް ލިސްޓުން ނެގިފައި" އޭނާ ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން އެގައުމަށް އަންނަ ފަރާތްތަކުން ކަރަންޓީނު ވުމަށް އަމިއްލައަށް ތަނެއް ހަމަ ޖައްސަން ޖެހޭނެއެވެ. އަދި އެކަމުގެ ހަރަދުތައް ވެސް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށާއި ކަރަންޓީނު 10 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އޮމިކްރޮން ވޭރިއެންޓް ފެތުރެން ފެށުމާއި އެކީ ގައުމުތަކުން ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުގެ މީހުން އައުން މަނާ ކޮށްފައިވާއިރު، އިނގިރޭސިވިލާތަކީ މިގޮތަށް އެގައުމުތަކުން މީހުން އައުން މަނާ ކުރި ގައުމުތަކުގެ ތެރެއިން އެ ފިޔަވަޅު އުވާލި ފުރަތަމަ ގައުމެވެ.