މަރާލާފައި އޮތް ތިން މީހަކު ފެނިގެން އިނގިރޭސިވިލާތުގެ ސިޓީއެއް ފުރަބަންދުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިނގިރޭސިވިލާތުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ނޮޓިންހަމް ފުރަބަންދު ކޮށްފައި މިވަނީ ތިން މީހަކު މަރުވެފައި އޮއްވާ ފެނުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެ މީހުން މަރާލި ކަމުގެ ތުހުމަތުގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ވޭނަކުން ތިން މީހެއްގެ ގައިމަތިން ދަތުރު ކުރަން އުޅުނު ކަމަށް ބެލެވޭ އިތުރު ހާދިސާއެއް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިއީ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވަނީ ސިޓީ ސެންޓަރު ފުރަބަންދު ކޮށްފައެވެ. އަދި ބައެއް މަގުތައް ބަންދުކޮށް ނޮޓިންހަމް ޓްރާމް ނެޓްވޯކް ވަނީ މެދުކަނޑާލައިފައެވެ. އަދި އިމަރޖެންސީ ހިދުމަތުގެ މެންބަރުން މުޅި ސިޓީން ފެންނަމުންދާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ ސިޓީގެ މެދުގައި އޮންނަ މަގެއްގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނިފައި ވަނީ ފަތިހު 4:00 ހާއިރު ކަމަށެވެ.

އަދި ސިޓީ ސެންޓަރުގެ ބޭރުގެ، އެހެން މަގެއްގައި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަަށްވެސް ބުނެފައި ވެއެވެ.

ޗީފް ކޮންސްޓަބަލް ކޭޓް މޭނެލް ވިދާޅުވީ މިއީ ބިރުވެރި އަދި ހިތާމަވެރި ހާދިސާއެއް ކަމަށާއި އެ ހާދިސާގައި ތިން މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އަދި މިކަން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީނެލް ވިދާޅުވީ ތަހުގީގު ކުރިއަށްދާއިރު މަގުތައް ބަންދުވާނެ ކަމަށެވެ.