ހެއިޓީގެ ސިޓީއެއް ކަމަށްވާ ކެޕް-ހެއިޓީންގައި ތެޔޮ ހިފައިގެން ދަތުރުކުރި ޓޭންކަރެއް ގޮވައި 60 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ހެއިޓީގެ ބޮޑުވަޒީރު އޭރިއަލް ހެންރީ ވިދާޅުވީ، ތެޔޮ ޓޭންކަރު ގޮވީ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ހާދިސާ ހިނގި ސިޓީގެ ޑެޕިއުޓީ މޭޔަރު ޕެޓްރިކް އަލްމޮނޫރު ވިދާޅުވީ މިހާދިސާ ހިންގަން މެދުވެރިވީ ސައިކަލް ޓެކްސީއަކުން ސަލާމަތްވުމަށް ޓަކައި ޓްރަކް ޑްރައިވަރު އަނބުރާލި ގޮތަކުން ކޮންޓްރޯލުން ނެއްޓިގެން ޓޭންކަރު ފުރޮޅާލުމުން ކަމަށް ބެލެވޭ ކަމަށެވެ. އެވަގުތު މަގުމައްޗަށް ތެޔޮ ލީކުވެފައިވާ ކަމަށާއި، ހިނގާބިނގާވެ އުޅުނު މީހުން ތެޔޮ ނެގުމުގައި ހަރަކާތްތެރިވާން ފެށި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޑެޕިއުޓީ މޭޔަރު ޕެޓްރިކް އަލްމޮނޫރު ވިދާޅުވީ، މިއަދު ފެނިގެންދިޔައީ 50 އަށްވުރެ ގިނަ މީހުން ދިރިތިއްބާ އަނދާހުލިވި މަންޒަރު ކަމަށެވެ. "އެމީހުން ދެނެގަތުމަކީ ނާދިރު ކަމެއް" ކަމެއް ކަމަށް ވެސް ޕެޓްރިކް ވިދާޅުވިއެވެ.

އަލްމޮނޫރު އިތުރަށް ވިދާޅުވީ، ތެޔޮ ޓޭންކަރު ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ ގާތްގަނޑަކަށް 20 ގެ ވެސް ސުންނާފަތި ވެފައިވާ ކަމަށެވެ. އަދި އެ ގެތަކުގައި ތާށިވެ، އަނިޔާވި މީހުންގެ އަދަދު ސީދާ ބުނަން ނޭންގޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހެއިޓީގައި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ގޭހުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ހެއިޓީގެ ވެރިރަށުގެ ބައެއް ހިސާބުތަކުގައި ވެސް، ދައުލަތުގެ ޔޫޓިލިޓީ ކުންފުނިން ކަރަންޓު ފޯރުކޮށްދެނީ ދުވާލަކު މަދު ވަގުތުކޮޅަކަށެވެ.