ހެއިޓީއަށް ދެ ދުވަހުގެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފިއެވެ.

އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ވެރިޔާ އިއްޔެ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން 2،500 އެއްހާ އާއިލާ ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ ހެއިޓީގެ 20 ޑިސްޓްރިކްޓަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އުތުރުގެ ސިޓީ ކަމަށްވާ ކެޕް-ހެއިޓީންއަށެވެ. އެތަނުގެ ތާރީހީ މަރުކަޒުގައި ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގިނަ ގަސްތަކެއް ވެއްޓި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއްސާރައިގެ ސަބަބުން އިންޖީނު ގެއެއްގައި ފެންބޮޑުވުމާއި، ބްރިޖެއް ވެއްޓުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސިވިލް ޕްރޮޓެކްޝަން ޑިރެކްޓަރު ޖެރީ ޗަންޑްލަރ ވިދާޅުވީ މި ހާދިސާގެ ސަބަބުން ތިން މީހުން މަރުވުމުގެ އިތުރުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ވިއްސާރައަކީ ކެރީބިއަންގެ ގައުމުތަކަށް އެންމެ ފަހުން ކުރިމަތިވި ގުދުރަތީ ކާރިސާކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ހާލަތު ދަށްވުމާއި، އިންފްރާސްޓްރަކްޗާ ނެތުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ.

ހެއިޓީގެ ރައީސް ޖޮވެނަލް މޮއެސޭ އަވަހާރަކޮށްލުމަށް ފަހު ސިޔާސީ ބައިބައިވުންތައް އުފެދި، ހެއިޓީ މިހާރުވެސް އޮތީ ކާރިސާއެއްގެ ތެރޭގައެވެ. ގޭންގު މާރާމާރީތަކާއި މީހުން ވަގަށް ނެގުން އިތުރުވެ، ފަގީރުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.