އިނގިރޭސިވިލާތުން އިތުރު 4،671 މީހަކު ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް އާއްމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުން ފާއިތުވި 24 ގަޑިއިރު 78،610 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 4،671 މީހަކު އަލަށް ފެނުނު އޮމިކްރޮން އަށް ފައްސިވެފައިވާ މީހުންނެވެ.

މިއާއި އެކީ އެގައުމުން އޮމިކްރޮން އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 10،017 އަށް އަރާފައެވެ. އެގައުމުން 10،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވި ނަމަވެސް އެއަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއީ އެގައުމުން މިހާތަނަށް އެންމެ ގިނަ މީހަކު އެއް ދުވަސް ތެރޭ ކޮވިޑަށް ފައްސިވި ފުރަތަމަ ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު 60،000 އަށްވުރެ ގިނަ މީހަކު ވަނީ އެގައުމުން ފައްސިވެފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ޖުމްލަ 11,010,286 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 9,617,941 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި 146,791 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.