އިންޑޮނޭޝިއާ ކައިރިން ކަނޑުގެ އަޑިއަށް 7.4 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުން އައި އިންޑޮނޭޝިއާގެ ސަރަހައްދާއި މާލެ އާއި ދެމެދު 6143 ކިލޯމީޓަރުގެ ދުރުމިން އެބަހުރި ކަމަށެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާގެ އެއްވެސް ސަރަހައްދަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ލޮޅުން އަރައި ބައެއް އިމާރާތްތަކުގެ ކުޑަދޮރުތައް ހަލާކުވިކަމުގެ ރިޕޯޓް ވަނީ ލިބިފައި ކަމަށް އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނެއެވެ.

މިބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ނަމަވެސް ބިންހެލުން އައި ސަރަހައްދާއި ކައިރި އައްސޭރިފަށުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ސުނާމީއެއް އަރާފާނެ ކަމަށް ލަފާކޮށް އަދި އިތުރު ބިންހެލުމެއް ވެސް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ފަށާފައި ކަމަށް އިންޑޮނޭޝިއާގެ ބައެއް މީޑިއާތަކުން ބުނެއެވެ.

މިބިންހެލުމުގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބުނީ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ ވަރަށް އަޑިއަށް ކަމަށް ވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު