އޮސްޓްރޭލިއާއިން އެއް ދުވަސް ތެރޭ ދޮޅުލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް ހަދައިފިއެވެ.

އެ ގައުމުގައި ފާއިތުވި ދެ ހަފްތާއްހާ ދުވަސް ތެރޭގައި ކޮވިޑްގެ ވޭދަނަތައް ވަނީ އިތުރުވެފައެވެ. މި ވޭދަނަތައް އިތުރުވެފައި ވަނީ ކޮވިޑްގެ އާ ވައްތަރު ކަމަށްވާ، އޮމިކްރޮން ވަރަށް ބޮޑަށް ފެތުރެން ފެށުމާއި ގުޅިގެންނެވެ.

އެ ގައުމުން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ގައުމުން މިއަދު ވަނީ 150,702 މީހުން ކޮވިޑަށް ފައްސިވެފައެވެ. މިއީ ކޮވިޑް ފެތުރެން ފެށިގެން އެ ގައުމުން އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ.

އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ގައުމުގައި އަލަށް 53 މީހަކު ކޮވިޑްގައި މަރުވެފައިވާ ކަމަށް ވެސް ދައްކައެވެ. އެހެން ނަމަވެސް އެގައުމުގައި ކުރިން ކޮވިޑް ފެތުރުނު ވަަރަށް ވުރެ އޮމިކްރޮން ފެތުރެމުންދާ މި ދުވަސްވަރުގައި ތެރޭގައި އެ ބަލީގައި މަރުވާ ރޭޓް ދަށް ކަމަށް ރިޕޯޓުތައް ދައްކައެވެ.

ފާހަނގަކޮށްލަން ޖެހޭ ކަމަކީ އެ ގައުމުގައި 16 އަހަރުން މަތީގެ 92 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ ކޮވިޑްގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންކަމެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ގައުމުގައި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނާއި އަދި އިންޓެންސިވް ކެއާގައި ފަރުވާ މީހުންގެ އަދަދު މި ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަނީ، އިތުރުވަމުންދާ ވޭދަނަތަކާއި އެކުގައިވެސް ސިއްހީ ނިޒާމުތަކަށް ބުރޫ ނާރާ ކުރިއަށް ދެވޭނެ ކަމަށެެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް 1,398,776 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެ ބަލީގައި 2,522 މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު