ޗައިނާގައި މިދިޔަ އަަހަރު ކުދިން އުފަންވި އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފިއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ޗައިނާގެ ކޮންމެ 1،000 މީހެއްގެ ތެރެއިން ކުދިން އުފަންވާ މިންވަރު ވަނީ 7.52 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ.

އެގަައުމުގައި ކުދިން އުފަންވާ މިންވަރު ރިކޯޑު އަދަދަކަށް ދަށްވެފައިވަނީ މިދިޔަ އަހަރު ކޮންމެ ދެމަފިރިއަކަށް ތިން ކުދިން ހޯދުމުގެ ހުއްދަ ދީފައިވަނިކޮށެވެ.

ޗައިނާއިން 2016 ވަނަ އަހަރު އެގައުމުގެ އެއްކުއްޖެއްގެ ސިޔާސަތު ވަނީ އެކުލަވާލައިފައެވެ. އޭގެފަހުން ސިޔާސަތު ބަދަލުކޮށް ކޮންމެ ދެމަފިރިއަކަށް ދެ ދަރިން ހޯދުމުގެ ހުއްދަ ދިނެވެ. އަދި ގައުމުގައި މުސްކުޅި އުމުރުފުރައިގެ މީހުން އިތުރުވަމުންދާތީ، މިދިޔަ އަހަރު ވަނީ ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހޯދުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް، ފާއިތުވި އަހަރުތަކުގައި ޗައިނާގައި ވަނީ ބޯހިޔާވަހިކަމާއި، ތައުލީމާއި ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދައާ ގުޅިގެން ކުދިން ހޯދުމަށް މީހުން ޖެހިލުންވާ ޖެހިލުންވުން އިތުރުވެފައެވެ.

ހިޖުރަކުރުން ނުހިމެނޭ ޗައިނާގެ އާބާދީގެ ގުދުރަތީ ކުރިއެރުމުގެ ނިސްބަތް 2021 ވަނަ އަހަރަށް ހުރީ އެންމެ 0.034 އިންސައްތައިގައި ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 1960 ވަނަ އަހަރުގެ ފަހުން ޗައިނާގެ އާބާދީ އެންމެ ދަށްވި އަހަރެވެ

އެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ގައުމުގައި މިދިޔަ އަހަރު 10.62 މިލިއަން ކުދިން އުފަންވި އިރު، 2020 ވަނަ އަހަރު 12 މިލިއަން ކުދިން އުފަންވި ކަމަށް ޑޭޓާތަކުން ދައްކައެވެ. 2020 ވަނަ އަހަރު އުފަންވާ ރޭޓު ހުރީ ކޮންމެ 1،000 މީހަކުން 8.52 އިންސައްތައިގައެވެ.

ކިޔުންތެރިންގެ ހިޔާލު