އެމެރިކާގައި ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް މިހާރު ފެތުރެމުންދާ ނިސްބަތައް ބަލާއިރު ކުރިއަށް އޮތް މާޗް މަހާއި ހަމައަށް ދާއިރު "އޮމިކްރޯން މަރުގެ ރާޅެއް" އަރައި އެމެރިކާ އިން އިތުރު ތިން ލައްކަ މީހުން މަރުވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދީފިއެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ފްލޮރިޑާ އިން ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ކަރުދާހެއްގައި ބުނެފައި ވަނީ މާޗް މަހާއި ހަމައަށް ދާއިރު އެމެރިކާ އިން ކޮވިޑްގައި އިތުރު ބައިލައްކަ މީހުންނާއި ތިންލައްކަ މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުން މަރުވުން ގާތް ކަމަށެވެ.

އެމެރިކާ އިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ނޮވެމްބަރ މަހުން ފެށިގެން އަންނަނީ އިތުރުވަމުންނެވެ. މިހާރު އެމެރިކާ އިން ދުވާލަކު ކޮވިޑް ގައި މަރުވާ މީހުންގެ އެވްރެޖް އަދަދު ހުރީ 1700 ގައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ އިން ދުވާލަކު މަރުވި މީހުންގެ އަދަދަށްވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ އިން ދުވާލަކު 3300 މީހުން މަރުވެފައި ވެއެވެ.

މިހާރު އެމެރިކާގެ ސިއްހީ ހިދުމަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނާސިން ހޯމްތަކުގައި އޮމިކްރޮން ވޭރިއަންޓް ހަލުވިކަމާއިއެކު ފެތުރެމުން ދިއުމެވެ. އެފަދަ ތަންތަނުގައި ތިބޭ އުމުރުން ދުވަސްވީ މީހުން ކޮވިޑަށް ފައްސިވާ މިންވަރު އިތުރުވާނަމަ ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ބިރު އެބައޮތެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް މިހާރު ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެމެރިކާ އިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު އެއްމިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ. އެމެރިކާ އިން މިހާތަނަށް 67 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު ކޮވިޑް ޖެހިގެން 874,756 މީހުން މަރުވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަނޑިޔާ!!!

    ޖޯޖިޔާ ގައިޑް ސޮޓޯންގެ ފުރަތަމަ ޕޮއިންޓުވެސް މިމީހުންގެ ނުބައި ޝައިތޯނީ އެޖެންޑާ ހިންގަން ކޮންމެ ކަމެއް ކޮަށްފާނެކަން ހެކިދޭ

  2. މިތުރާ

    ޢަރާނެ މިހާރު އެއުޅޭ ޓުރަމްޕު އުޅެނީ އަލުން ވެރިކަމަށް އަންނަން މީހުން ރަށުތެރެ އަށްނެރެގެން ވީޔާ، ރާއްޖޭގަ ވެސްއުލޭ ޓުރަންޕު މެން