ޕާކިސްތާނުން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޕާކިސްތާނުން އެންމެ ފުރަތަމަ ކޮވިޑް ފެނިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގައުމަށް ކޮވިޑްގެ ތިން ރާޅެއް އަރާފައިވާއިރު، އަނެއްކާ ވެސް އެގައުމަށް ވަނީ އިތުރު ރާޅެއް އަރާފައެވެ. އެއާއި އެކީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ރިކޯޑް އަދަދަކަށް އިތުރުވެފައެވެ.

ކޮވިޑްގެ ތަފާސް ހިސާބުތައް އާންމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނި އެގައުމުން ވަނީ 7،678 މީހަކު މި ބައްޔަށް ފައްސިވެފައެވެ. މިއީ އެގައުމުން ކޮވިޑް ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިއާއި އެކީ އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1,353,479 އަށް އަރާފައެވެ.

މީގެ ކުރިން އެގައުމުން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން ފައްސިވެފައިވަނީ 6،825 މީހެކެވެ. އޭގެ ފަހުން ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ 6،808 މީހުންނެވެ.

އެގައުމުން ކޮވިޑް ޖެހިގެން އިތުރު 23 މީހަކު މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 29,065 އަށް އަރާފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 1,266,479 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބި 57,935 މީހުންގެ ތެރެއިން 961 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ޕާކިސްތާނުގެ 70 މިލިއަން މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.