ޕާކިސްތާންގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަންކޮށްފިއެވެ.

ޕާކިސްތާންގެ ސުޕްރީމް ކޯޓަށް އައްޔަން ކުރި ފުރަތަމަ އަންހެން ފަނޑިޔާރުގެ ގޮތުގައި މިއަދު މަގާމުގެ ހުވާ ކުރެއްވީ އުމުރުފުޅުން 55 އަހަރުގެ އައިޝަތު މާލިކް އެވެ. އައިޝަތު އާއިއެކު 16 ފަނޑިޔާރަކު ޕާކިސްތާންގެ ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބަވާފައެވެ.

ޕާކިސްތާންގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރުން އެކްޓިވިސްޓުންނާއި ބައެއް ވަކީލުން ފާހަގަ ކުރަނީ ފިރިހެނުން ޑޮމިނޭޓް ކުރާ ޕާކިސްތާންގެ ޝަރުއީ ދާއިރާގައި އަންހެނުންނަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.

ނަމަވެސް ބައެއް ވަކީލުންނާއި އަދި ބައެއް ފަނޑިޔާރުން ވެސް ވަނީ އައިޝާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ދެކޮޅު ހައްދަވާފައެވެ. އައިޝާ އަށް ވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ނުކޮށް އައިޝާ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން ފާޑުކިޔުންތައް ވަނީ ބޮޑުވެފައެވެ.

ބައެއް ވަކީލުން ވަނީ އައިޝާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ޕާކިސްތާނަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ނުކޮށް އޮތް ހަމައެކަނި ގައުމެވެ. ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި ޕާކިސްތާންގެ އިސްތިއުނާފް ކޯޓުތަކުގައި އަންހެން ފަނޑިޔާރުންގެ ނިސްބަތަކީ އެންމެ %4 އެވެ.

ފަނޑިޔާރު އައިޝާ މަތީތައުލީމް ހާސިލް ކުރެއްވީ ޕާކިސްތާންގެ ކޮލެޖް އޮފް ލޯ އިންނާއި ހަވާޑް ޔުނިވަސިޓީންނެވެ. އޭނާ ވަނީ ލާހޯރުގެ ހައިކޯޓުގެ ފަނޑިޔާރުކަން 20 އަހަރު ދުވަހު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ލާހޯރު ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައެވެ.

ފަނޑިޔާރު މިދިޔަ އަހަރު ކުރެއްވި ހުކުމެއްގައި ވަނީ ކައިވެނި ކުރާ އަންހެނުންނަކީ ބިކުރުވެރިންތޯ ބެލުން އެއީ ރޭޕް ކުރުމުގެ އަމަލެއް ކަމަށް ނިންމާފައެވެ. އެހުކުމަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ޕާކިސްތާންގެ އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ހުކުމެކެވެ.

ޕާކިސްތާންގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަނީ ނުވަ މެންބަރުންގެ ކޮމެޓީއަކުންނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފަސް ވޯޓް ލިބުނު އިރު އެކަމާއި ދެކޮޅަށް ހަތަރު ވޯޓް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮނަތަން

    މަރުހަބާ އައިޝަތު މާލިކް. އައިޝާ ގެ ފޮޓޯއަށް ބެލީމަވެސްް އެނގޭ އެކަމަނާ އަކީ މޮޑެރޭޓް މުސްލިމެއްކަން. ކުޜީ ގެ ބޮޑު ވަޒީރު ބޭނަޒީޜު ބުއްޓޫ އަކީވެސް މޮޑެރޭޓް މުސްލިމެއް. އަދި ބަންގާޅު ގެ ބޮޑު ވަޒީޜު ޝޭޚް ހަސީނާ އަކީވެސް މޮޑޭރޭޓް މުސްލިމެއް. ރާއްޖޭގައިވެސް ވަރަށް ހައި ޕްރޮފައިލް މޮޑެރޭޓް އަންހެން ބޭކަނބަލުން އެބަ އުޅުއްވާ. ބަންގާޅުގެ ގާނޫނަށް ވަރަށް ބޮޑު އިސްލާހެއް ގެންނަން ތައްޔާރުވަމުން ދަނީ. އެ އިސްޅާހަށް ހުޅަނގެ ތަހުޒީބު ގައުމުތަކާޢި ޢދ އާއި ޢެހެނިހެން އިންސާނީ ހައްގުތަކަށް ވަކާލަތު ކުރާ އެމްނެސްޓީ ފަދަ ޖަމްއިއްޔާތަކުގެ ވަރަށް ބޮޑު ތާއީދެއް ލިބޭނެ. އޭރުުން ޝޭޚް ހަސީނާ އަށް ނޯބެލް ޕްރައިޒް ހައްގުވާނެ.