ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ދިޔަ މީހަކު ކޮވިޑް-19 ވެކްސިން ޖަހާފައިނުވާތީ، އެމެރިކާގެ ހޮސްޕިޓަލަކުން އެކަން ނުކޮށްދިން ކަމަށް ބަލިމީހާގެ އާއިލާއިން ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ޑީޖޭ ފާގަސަން ހޮސްޕިޓަލުގައި ގާތްގަނޑަކަށް 50 ދުވަސް ހޭދަކޮށްފައިވާއިރު، އޭނާ މިހާރު ހުރީ އެންޑް ސްޓޭޖް ހާޓް ފެއިލްވެ، ދިރިހުރުމަށް ހިތް ބަދަލުކުރަން ބޭނުންވެފައެވެ. ހިތުގެ ސީރިއަސް މައްސަލަތަކެއް ހުރުމުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުންދިޔަ މި މީހާއަށް ގުނަވަން ބަދަލުކުރަން ޖެހޭކަން ޑޮކްޓަރު އެންގި ހިސާބުން އޭނާ ދިޔައީ އެކަމަށް ތައްޔާރު ވަމުންނެވެ،.

ބްރިގޭހަމް އާއި ވިމެންސް ހޮސްޕިޓަލުގެ ގަވާއިދު ބުނާގޮތުން ފާގަސަން އަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދުމުގެ ޝަރުތު ފުރިހަމައެއް ނުވެއެވެ. ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުން ފަރުވާއަށް ހުރަސްއެޅުނު ނަމަވެސް، ފާގަސަން ވެކްސިން ޖެހުމާއި ދެކޮޅު ހަދާ ކަމަށް އާއިލާއިން ބުނެއެވެ.

"ވެކްސިން ނުޖަހާ ހުރުމުން ގުނަވަން ބަދަލުކުރާ މީހުންގެ ލިސްޓުގައި އޭނާގެ ނަމެއް ޓްރާންސްޕްލާންޓް ބޯޑަކުން ނުހިމަނާނެ،" ގޯފަންޑްމީ ޗެރިޓީ ފަންޑްރެއިޒިން ޕޭޖެއްގައި ފާގަސަންގެ އާއިލާއިން ބުނެފައިވެއެވެ.

އޭނާގެ އާއިލާއިން ކަންބޮޑުވަނީ ވެކްސިންގެ ސަބަބުން އޭނާގެ ހިތް ދުޅަވެ، ކުއްލި ގޮތަކަށް މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ވެދާނެތީއެވެ. އެ އާއިލާއިން ބުނީ މީހުންނަށް ވެކްސިން ޖެހުމާއި ނުޖެހުމުގެ އިހްތިޔާރު އޮންނަން ވާނެ ކަމަށެވެ. އަދި ވެކްސިން ޖެހުން މަޖުބޫރުކުރާއިރު، ވެކްސިންގެ ސަބަބުން ސިއްހީ ގޮތުން ފުރާނައަށް ނުރައްކާވާނެ ފަދަ ބައްޔެއް ހުރި މީހުން ވެސް ތިބެދާނެކަމަށް ވިސްނާލުން މުހިންމު ކަމަށް ވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ރާއްޖޭގައި ނަމަ ހޮސްޕިޓަލުގެ ވެރިން ކުއްވެރިވާނެ

  2. މެޑިކަލްފޭޝިސްޓް

    ވެކްސިން ނުޖަހާތި މި މީހަ ދެން މަރާލަން ވީތަ ވެކްސިން އެއީ ކީއްވެ ޖަހާ އެއްޗެއްބާ.

    7
    1