ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ވެކްސިން ޖަހާތާ ދިހަ ހަފްތާ ފަހުން ލިބޭ ރައްކާތެރިކަން ކުޑަވާން ފަށާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ފައިޒާ ބޫސްޓާ ޑޯޒްގެ ސަބަބުން ބޫސްޓާ ޑޯޒް ޖެހުމާއި އެކު ކޮވިޑް ނުޖެހުމުގެ %90 ފުރުސަތު އޮންނާނެ ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާ އަކުން ދައްކާފައި ވެއެވެ. ނަމަވެސް ވެކްސިން ޖަހާތާ 10 ހަފްތާ އާއި 14 ހަފްތާ އާއި ދެމެދު ކޮވިޑުން ރައްކާތެރި ކޮށްދިނުމުގެ ނިސްބަތް %73 އަށް ދަށަށްދާ ކަމަށް ދިރާސާ އިން ދައްކައެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި މޮޑާނާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ނުޖެހުމުގެ %90 އާއި %95 އާއި ދެމެދުގެ ފުރުސަތެއް އޮވެއެވެ. ނަމަވެސް އެއިންސައްތައިގައި ހުންނަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި ފަހުން ނުވަ ހަފްތާގެ މުއްދަތަކަށެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރާ ހުރިހާ ވެކްސިނަކުން ވެސް ފުރިހަމަ ރައްކާތެރިކަން ލިބެނީ ވެކްސިން ޖަހާ މުއްދަތުން ފެށިގެން ހަމަސް ވަންދެނެވެ. ވެކްސިން ފުރިހަމަ ކުރާތާ ހަމަސް ފަހުން ކޮވިޑުން ލިބޭ ރައްކާތެރިކަން %60 އަށް ވެއްޓެއެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖަހާތާ 14 ދުވަސް ތެރޭގައި ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު %95 އަށް އަލުން އަރައެވެ.

މިދިރާސާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ އެޖެންސީ އިންނެވެ. ދިރާސާގައި އިސްކޮށް ހުންނެވި ޑރ.މޭރީ ރަމްސޭ ވިދާޅުވީ ދިރާސާގެ ނަތީޖާ އިން ކަށަވަރު ކުރެވުނު ކަމަކީ ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖަހާފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރާކަމެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބޫސްޓާ ޑޯޒް ވެސް ޖެހުން އެންމެ ފުރަތަމަ ފެށި އެއްގައުމެވެ. އެގައުމުގައި އޮމިކްރޯންގެ ސަބަބުން ހާލަތު ގޯސްވެދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ކޮންމެވެސް ވަރަކަށް މަދުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮތަރު

    އަނެއްކާ އަނެކަތިފަހަރު ޖަހަންވީދޯ.

  2. ފިޔަވަޅު

    ލައްބަ ލައްބަ .ތިވިޔަފާއްޓަށް ނިމުމެއް ނެއް .

  3. ޑިރާސާ

    ދެން ކީކޭތަ ތިކިޔަނީ ، ތި ޖަހައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހަށިގަނޑަށް ފާޑުފާޑުގެ ކެމިކަލް ދިޔުން ފިޔަވައި އިތުރު ކަމެއް ނޯންނާނެ. ރައްކާތެރިކަން ނުލިބޭ އެއްޗެއް ޖަހަން މަޖުބޫރު ކުރަނީ ކީއްކުރަންތަ؟ މިގައުމުގައި ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވެނީ "އާސަންދަ ޕޯރޓަލް" ވުޖޫދުގައި އޮތުމުން . ޢެ ޕޯރޓަލް ހެދި މީހާވެސް ދުނިޔެއިން ދިޔައީ ތިޔަ ވެކްސިނެއް ޖުހުމުގެ ސައިޑު އިފެކްޓުގެ ސަބަބުން. ފައިދާއަށް ވުރެ ގެއްލުން ބޮޑު އެއްޗެއް ޖަހަން ކީއްވެ މަޖުބޫރު ކުރަނީ..ދުވަހަކުވެސް ރާއްޖެއަކީ ޓްރަޔަލް މަރުހަލާގެ ވެކްސިން ގެންނަ ގައުމެއް ނޫން..