ރަޝިއާއިން މަސައްކަތް ކުރަނީ ޗާނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓް ހިފަން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަޝިއާއިން މަސައްކަތް ކުރަނީ ޔޫކްރެއިންގެ އުތުރުގައި އޮންނަ ޕްރިޕިޔަޓް ކައިރީގައި ހުރި ޗާނޮބީލް ނިއުކްލިއާ ޕަވާ ޕޮއިންޓް ހިފަން ކަމަށާއި، 1986 ވަނަ އަހަރު ހިނގި ހިތާމަވެރި ހާދިސާ ތަކުރާރުވިޔަ ނުދިނުމަށް ޔޫކްރެއިންގެ ސިފައިން މަސައްކަތްކުރަމުންދާ ކަމަށެެވެ.

"ފުރާނަ ނުރައްކަލަކަށް ހުށަހަޅައި ޔޫކްރެއިންގެ ސިފައިން ދަނީ 1986 ވަނަ އަހަރުގެ ހިތާމަވެރި ހާދިސާ ތަކުރާރު ނުކުރުމަށް މަސައްކަތް ކުރަމުން،" ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ނިއުކްލިއާ އެކްސިޑެޓަށް އިޝާރާތްކޮށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ، މިއީ ޔޫރަޕާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ.

 

ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ނިއުކްލިއާ އެކްސިޑެންޓުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޗާނޮބީލް އެކްސިޑެންޓްގެ ސަބަބުން މިހާތަނަށް ކޮންޓްރޯލެއް ނެތި ރޭޑިއޯއެކްޓިވް ތިމާވެއްޓަށް ދޫވެގެން ދިޔައެވެ. އެއީ މިހާތަނަށް މަދަނީ އޮޕަރޭޝަނަކަށް ވެސް ރިކޯޑު ކުރެވިފައިނުވާ މިންވަރުގެ ރޭޑިއޯއެކްޓިވްއެވެ.

މި އެކްސިޑެންޓުގައި ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ވަންދެން ގިނަ އަދަދެއްގެ ރޭޑިއޯއެކްޓިވް މާއްދާތައް ވައިގެ ތެރެއަށް ދޫވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ބެލަރޫސް، ރަޝިޔާ އަދި ޔޫކްރެއިންގެ ބޮޑެތި އާބާދީތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު