މި ކަން ހިނގައިފިއެވެ. މުޅި ދުނިޔެ ބިރު ހީވެ އޮތް ކަންތައް ހަގީގަތަކަށް ވީއެވެ. ރަޝިއާއާއި ޔޫކްރޭނާއި ދެމެދު އުފެދުނު ކޯޅުން ބޮޑުވެ ހަނގުރާމައަކަށް ބަދަލުވީއެވެ. ޔޫކްރޭންގެ އެތެރޭގެ މަސްރަހުގެ ގޯހެއްގެ ބޭނުން ހިފައިގެން ބާރުގަދަ ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭން ވަށާލީއެވެ. ޔޫކްރޭންގެ އެކި ތަންތަނަށް ރަޝިއާ އަސްކަރިއްޔާ އިން ހަމަލާ އަމާޒުކޮށްލިއެވެ. މުޅި ޔޫރަޕާއި އެމެރިކާއާއި ބާރުގަދަ ދައުލަތްތަކުން ވެސް ރަޝިއާއާއި ދެކޮޅަށް ފިޔަވަޅުތައް ވެސް އަޅަން ފަށައިފިއެވެ.

ދުނިޔޭގެ ބޮޑު ދެ ހަނގުރާމައަކީ ވެސް ޔޫރަޕްގެ ދައުލަތްތަކުގެ މެދުގައި އުފެދުނު މިފަދަ ކޯޅުމެއް ބޮޑުވެ އުފެދުނު ހަނގުރާމަތަކެވެ. މިފަދަ ހާލަތެއްގެ ބިރުވެރިކަން އަންނަ ޒާތުގެ ހަނގުރާމައެއް ޔޫރަޕްގެ އިރުމަތީ ބިތުން ފެށިގެން އައުން މުޅި ދުނިޔޭގެ ސަމާލުކަން އެ ކަމަށް ހުއްޓުނު ކަމެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ މީޑިއާތައް އެ މަސްރަހު ދިރާސާ ކުރަން ފަށައިފިއެވެ. ކޮންމެ މީޑިއާއެއްގައި ވަގުތުން ވަގުތަށް އޭގެ ތާޒާ ޚަބަރުތަކާއި މައުލޫމާތުތައް ދަނީ ގެނެސްދެމުންނެވެ.

ސްކައި މީޑިއާގެ އަސްކަރީ މަސްރަހުގެ ރިޕޯޓްތައް ގެނެސްދޭ އެޑިޓަރު ހޭންސް ޑެބަރޯ ވަނީ މި ހަނގުރާމަ ނިމިގެން ގޮސްދާނެ ގޮތްތަކެއް ބަލައިފައެވެ. އިއްޔެ ހެނދުނު ހަމަލާތައް ފެށިގެން އައި އިރު ވެސް ޔޫކްރޭންގެ އާންމުންގެ ގިނަ ބަޔަކާއި ރަޝިއާ ސިފައިންގެ ގިނަ ބަޔަކު ވެސް މަރުވެގެން ދިއުމުން، ހޭންސް ޑެބަރޯ ސިފަ ކުރީ ހަނގުރާމައިގެ ފެށުން ވެސް ހޫނުވެފައި ނުރައްކާތެރި ކަމުގައެވެ. އެހެންވެ މީގެ ނިމުން ވެސް ސުލްހަވެރި ވާނެ ކަމުގައި އޭނާއަކަށް ނުފެންނަ ކަން ސްކައިގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައިވެއެވެ.

ޚާކިއޭވް އަވަށް ދޫކޮށްގެން އެ އަވަށުގައި އުޅޭ ގިނަ ބަޔަކު ބަސްތަކަށް - ފޮޓޯ: އޭޕީ

ރަޝިއާގެ ބާރުގެ ދަށަށް ޔޫކްރޭން، ދުނިޔެ އާ މިސްރާބަކަށް!

ދެވަނަ ބޮޑު ހަނގުރާމަ ފަހުން ދުނިޔޭގެ ސިޔާސީ މަސްރަހު ބައްޓަން ވެފައި އޮތީ ވެސް އާ މިސްރާބެއްގައެވެ. އިގްތިސޯދީ ބާރުވެރިކަމާއި އަސްކަރީ ބާރުވެރިކަން އިތުރުކުރަން ބޭނުން ނުވާ ދައުލަތެއް ނެތެވެ. ބާރުގަދަ ދައުލަތްތަކުން ދިޔައީ މި ކަން އިތުރު ކުރަމުންނެވެ. ރަޝިއާ ވެސް "ފައި ވިއްދާލައިގެން" ހުރީ މި ކަމުގައެވެ. ޔޫކްރޭން ހިފައި، އަސްކަރީ ކާމިޔާބީއެއް ރަޝިއާއިން ހޯދުމަކީ ހޭންސް ޑެބަރޯ ލަފާ ކުރާ ފުރަތަމަ ގޮތެވެ.

ރަޝިއާއިން އަސްކަރީ ކާމިޔާބީއެއް ހޯދައި ޔޫކްރޭން ހިފިއްޖެނަމަ ދެން ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ބާރުގަދަ ދައުލަތްތަކުން ދުނިޔޭގެ ވެރިކަމަށް މި ކުރާ "ހަނގުރާމައިގައި" ބޭނުން ކުރަމުން އަންނަ އަދި ކުރިން ވެސް ކޮށްފައިވާ އެއް އުކުޅަކީ ކުދި ދައުލަތްތަކެއް މި ބާރުގެ ދައުލަތްތަކުގެ "ޕަޕެޓް" ދައުލަތަކަށް ހެދުމެވެ. ޔޫކްރޭންގެ އުތުރަށް އޮންނަ ޔޫރަޕްގެ ގައުމެއް ކަމުގައިވާ ބެލަރޫސްއަކީ ވެސް ރަޝިއާގެ "ޕަޕެޓް" ދައުލަތެކެވެ. ޔޫކްރޭން ހިފުމަކަށް މިހާރު އޮތް އިންތިޚާބީ ސަރުކާރު ރަޝިއާއިން ބަދަލު ކުރާނެ ކަމަށް ބެލެވެއެވެ. އެއަށްފަހުގައި، ރަޝިއާއިން ބޭނުންވާހާ ގޮތެއް ހަދާނެ އާ ދައުލަތެއް އެ ގައުމުގައި ގާއިމް ކުރާނެއެވެ.

"ރަޝިއާއިން "ރެޑް ލައިން" ގެ ގޮތުގައި ނޭޓޯއާއި ދުރަށް ޔޫކްރޭން ދާނެ، ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބައިވެރިވާން ޔޫކްރޭނުން މިހާރު ގެންގުޅޭ ވިސްނުންތައް ވެސް ދޫކޮށްލާނެ، ރަޝިއާގެ އަސްކަރިއްޔާއެއް އެ ގައުމުގައި ބިނާވާނެ، ޔޫކްރޭންގެ ރައްޔިތުންނަށް ވެސް އޮންނާނެ އިޚްތިޔާރަކީ މި އާ އާންމު ހާލަތަށް ހޭނުން، ނޫނީ ގައުމު ދޫކޮށް ދިއުން،" ހޭންސް ޑެބަރޯގެ ރިޕޯޓްގައިވެއެވެ.

ހޭންސް ޑެބަރޯ ދެކޭ ގޮތުގައި، މި ކަމަކީ ދުނިޔޭގެ މަސްރަހުގައި ނުފޫޒު ގަދަ ކުރަން ބޭނުންވެފައި ހުރި އެހެން ދައުލަތްތަކުން ވެސް ދެން އަމަލު ކޮށްފާނެ ގޮތެކެވެ. ޑިމޮކްރެޓިކް އިންތިޚާބީ ސަރުކާރު ނެތް ބައެއް ގައުމުތައް މިސާލެއް ގޮތުން ވެސް ދެއްކިއެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި އޮތް އެންމެ ބޮޑު އިގްތިސޯދު ޗައިނާއިން ވެސް އެ ކަމުން ހިތްވަރު ލިބި، ތައިވާން ފަދަ ގައުމުތައް އެ ގައުމުން ހިފުމާއި ދިމާއަށް ގޮސްދާނެ ކަމަށް ތުހުމަތުކޮށް އޭނާ ލިޔެފައިވެއެވެ.

މިއީ 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން ދުނިޔެ ތަރުތީބު ވެފައިވާ ތަރުތީބަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އދ. ފަދަ ޖަމިއްޔާތައް އުފެދި ޑިމޮކްރެޓިކް ސަރުކާރުތަކެއް ދުނިޔޭގެ އެކި ގައުމުތަކުގައި އުފެދުމަށް ބާރު އެޅިގެން ދިޔައެވެ. ނަމަވެސް ރަޝިއާ-ޔޫކްރޭންގެ މައްސަލަ ރަޝިއާ ކޮޅަށް ނިމުމަކީ ޚުދުމުޚުތާރު ސަރުކާރުތަކާއި، ރަސްކަން އޮތް ދައުލަތްތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމާއި ޑިމޮކްރެޓިކް ނިޒާމު ގައުމުތަކުގައި ގާއިމް ކުރަން ހުއްޓުމަކަށް އަންނާނެ ކަމެކެވެ.

ރަޝިއާ ރައީސް ޕުޓިން

ޔޫކްރޭން ދެ ފަޅިވެ ދެ ދައުލަތެއް އުފެދުން!

މިއީ ހުޅަނގުގެ ގައުމުތަކުގެ ނަޒަރިއްޔާތަކުން ވިސްނައިފިނަމަ، ދުނިޔޭގެ ބާރުގަދަ ދައުލަތްތަކުގެ ގޮތުގައި އެ ގައުމުތައް އޮތުމަށް ކުރެވޭ އެ މަސައްކަތުގައި އަންދާޒާ ކޮށްލެވޭނެ އެންމެ "އަނދިރި" އަންދާޒާގެ ގޮތުގައި މި ކަން ހޭންސް ޑެބަރޯ ސިފަ ކުރެއެވެ.

ހޭންސް ޑެބަރޯގެ މި އަންދާޒާ ވިސްނާފައި އޮތީ ކުރިން ޖަރުމަނު ދެފަޅިވެ އުފެދުނު އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު މިސާލަކަށް ވިސްނައިގެންނެވެ. ވަރަށް ވެސް ޚިޔާލީ އަންދާޒާއަކަށް ވިޔަސް އެއަށް ބާރު ލިބިދޭނެ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ. ޔޫކްރޭންގެ މެދުގައި އޮންނަ ކޯރުން ހުޅަނގުން ވަކި ދައުލަތެއް އަދި އޭގެ އިރުމަތިން ވަކި ދައުލަތެއް އުފެދޭނެ ކަމުގައެވެ. އަޒޯވް ކަނޑުގެ އުތުރުން އޮންނަ ޔޫކްރޭންގެ ސަރަހައްދު ރަޝިއާއާއި ވީ ދިމާއަށް ދީލާލާނެ ކަމުގައެވެ.

ފުރަތަމަ ކަމަކަށް އިރުމަތީ ބިތުގެ ބާރުވެރިކަން ރަޝިއާގެ ދަށަށް ގެންދަން ރަޝިއާއަށް ފަސޭހަ ވާނެއެވެ. ރަޝިއާގެ ބޯޑަރު ކައިރީ އޮތް ޚާކިއޭވްއާއި އެހެން ސަރަހައްދުތައް ވަށައިގެން ވެސް ރަޝިއާގެ ސިފައިން ދަނީ ފޯރިމަރަމުންނެވެ. އެ ސަރަހައްދުގައި ތިބި މީހުނަށް ވެސް އެ ތަނުން ނުކުމެެގެން ދެވޭނެ ގޮތެއް ނުފެނެއެވެ. ރަޝިއާގެ އެކުވެރިޔާ، ބެލަރޫސް ވެސް އޮތީ މި ފަޅީގައެވެ. އެހެންވެ އެ ފަޅީގައި ރަޝިއާއިން ބޭނުންވާ ޒާތުގެ ދައުލަތެއް އުފެދި، ހުޅަނގު ގައުމުތަކުގެ އެހީގައި ހުޅަނގުގައި މިހާރު އޮތް ދައުލަތް ދިފާއުވާނެ ކަމުގައެވެ.

މި ކަމުގެ އެއް ފެށުމަކީ ވެސް ޔޫކްރެއިންގެ ލުހާންސްކްއާއި ޑޮނެޓްސްކްގެ ލީޑަރުން އެ ދައުލަތުން ވަކިވެ މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ކަނޑައަޅަން ރަޝިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރަޝިއާގެ ރައީސް ޕުޓިން ވަނީ ވިދާޅުވުމެވެ. އަދި އެއީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ރަޝިއާއިން ބަލައިގަތުމެވެ. އަދި އެ ކަމަށް ޔޫކްރޭންގެ މައި ސަރުކާރުން ދެކޮޅު ހެދުމެވެ. ރަޝިއާ އިން މި ކަމަށް ވަނީ އެހެންވެއެވެ.

ޔޫކްރޭންގެ މެޕެއް

ދުނިޔޭގެ ދެކޮޅުވެރިކަމުން ޕުޓިންގެ ސަރުކާރު ބަލިކަށިވުން

ޕުޓިންގެ ސަރުކާރުގެ މި ސިޔާސަތުތަކާއި ދުނިޔެ ދެކޮޅު ކަން ސާފެވެ. ޔޫކްރޭނަށް އަސްކަރީ އެހީ ލިބޭނެއެވެ. ޔޫކްރޭންގެ އެތެރޭގައި ވެސް ރަޝިއާ ސިފައިންނާއި ދެކޮޅަށް ފައުޖުތައް ވެސް އުފެދޭނެއެވެ. ރަޝިއާ އިން އެ ނަގަނީ ބޮޑު ރިސްކްއެކެވެ. މިހާރު ވެސް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޔޫކްރޭންގައި މަރުވެފައިވާއިރު، މި އަސްކަރީ އޮޕަރޭޝަނަށް ރަޝިއާއިން ބޮޑު ހޭދައެއް ދާނެ ކަމުގައި ބެލެވެއެވެ.

ރަޝިއާއިން މި އޮޕަރޭޝަނަށް ޓަކައި ނަގާނީ ކިހާ ވަރެއްގެ ރިސްކެއް ހެއްޔެވެ؟

ރަޝިއާގެ މުޅި އިގްތިސޯދު ގުޑާނެ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް އިނގިރޭސިވިލާތުން އެކަނި ވެސް އެޅިއެވެ. އިނގިރޭސިވިލާތުގައި ހުރި ރަޝިއާގެ ބޭންކްތަކުގައި ހުރި 154 މިލިއަން ޕައުންޑް ފްރީޒްކުރިއެވެ. އެއިން ބޭންކަކުން އިނގިރޭސިވިލާތުގެ އެހެން ބޭންކަކަށް ވެސް މުއާމަލާތް ނުހިންގޭ ގޮތް ހެދިއެވެ. ރަޝިއާގެ އާންމުންނަށް ވެސް އިނގިރޭސިވިލާތުގައި ފައިސާ ޑިޕޮސިޓް ކުރެވޭ ވަރު ލިމިޓް ކުރިއެވެ.

ލިތުއޭނިއާގައި ޔޫކްރެއިންއާ އެއްކޮޅަށް މުޒާހަރާ ކުރަނީ.

މި ފިޔަވަޅުތަކާއި އެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެއްކެވި ވާހަކައަކީ ހެންސް ޑެބަރޯގެ މި ނަޒަރިއްޔާތުގެ މައިގަނޑެކެވެ. އިނގިރޭސިވިލާތުގެ އަމާޒު ވެސް ސާފެވެ. އެއީ އިގްތިސޯދީ ގޮތުންނާއި، މާލީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، ޚާރިޖީ ގޮތުން، އަދި އަސްކަރީ ގޮތުން ވެސް ޕުޓިންގެ ސަރުކާރު ބަލިކަށިކޮށްލުމެވެ. މިފަދަ ގިނަ ފިޔަވަޅުތަކެއް ބާރުގަދަ އެހެން ދައުލަތްތަކުން އެޅުމާއި އެކު އެ ކަން ވާނެއެވެ.

މި އަންދާޒާއަށް ބާރުދޭން ހެންސް ޑެބަރޯ އެންމެ ފަހަށް އިޝާރާތް ކުރީ ރަޝިއާގެ އެތެރޭގެ މަސްރަހެވެ. ރަޝިއާއިން ފަށާފައިވާ ހަނގުރާމައާއި ދެކޮޅަށް ވާހަކަ ދައްކާ ރަޝިއާގެ ނޫސްވެރިންނާއި އިލްމުވެރިންނަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި އޮތުމުން އާންމުންގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމެވެ. ޕުޓިންގެ ސަރުކާރުން ފަށާފައި މި ވާ އިންގިލާބުން އޭނާގެ ގައުމުގެ ތެރެއިން އޭނާ ބަލިވެގެން ދިއުން ވެސް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު ޕުޓިން

    ކަނޑު ކޮސްރިޕޯޓެް އެމެރިކާ ލީބިޔާއައް ހަދާލީ ކިހިނެތް އެމެރިކާ އިރާގު ސުންނާފަތި ކޮއްލީ އެމެރިކާޔާ އަރަބިން ގުޅިގެން ސޫރިޔާ ފުނޑާލީ…

    42
    4
  2. ކާކު

    ސުވާލު: ރަޝިއާ-ޔޫކްރޭން ހަނގުރާމަ ނިމިގެން ދާނީ ކިހިނެއް؟.

    ޖަވާބު: އަޅުގަނޑު މެންނަކީ ގައިބުގެ އިލްމު އިނގޭ ބައެއް ނޫންކަމުން ތި ސުވާލުގެ ޖަވާބު އަޅުގަނޑުމެން ނަށް ނޭންގޭ ކަމުގައި ދަންނަވަން.

    58
    1
  3. Anonymous

    ހަނގުރާމަ ނިމިގެންދާނީ ޔޫކްރޭން ރަޝިއާއަށް އަމާންދީގެން.

    28
    1
  4. ކިނބުލެއްގެ1ލޯ

    މި ދިވެހިރާއްޖެއަށް އިންޑިއާއިންވެސް ހަދަންބޭނުންވާ ގޮތަކީމީކަމައް ލަފާކުރެވޭ…
    2023 ވަނައަހަރު އިންތިހާބުން އެމްޑީޕީ ބަލިވެއްޖެނަމަ މިކަހަލަ ހަނގުރާމައެއް ފަށާނެ އިންޑިއާ ސިފައިންނާ ހަތިޔާރު އެކި މަގުމަގުން އެކި ނަންނަމުގަ މިދިވެހިރާއްޖެއަށް އެތެރެކޮށް ތައްޔާރައް އިންޑިއާސިފައިން ތިބިކަމައް އިދިކޮޅުން އެދައްކާވާހަކަތައް އެދުވަހަކުން ފެނުން ވަރައްކައިރިކަމައް ބެލެވެއެވެ.

    32
    6
    • ފރތމ

      އިންޑިއާ ކަނޑުގަ އޮތްތަނަކަށް އެކަމާއި ނުގުޅޭ ބޭރުގެ ބާރެއް ވައްދަން އުުޅުނީމަ ވަނެ ގޮތް ޔުކުރޭނުން އެ ފެންނަނީ.

      10
      3