ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ހަތިޔާރު ދީފިއެވެ.

ރަޝިއާއިން އިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު މިހާރު ވެސް މަރުވެފައިވާއިރު ޔޫކްރެއިން ސަރުކާރުން ވަނީ އެގައުމުގައި ހަތިޔާރު އުފުއްލޭވަރުގެ އެންމެން ވެސް ހަތިޔާރާއި އެކު އެގައުމުގެ ދިފާއުގައި ރަޝިއާ އާއި ހަނގުރާމަ ކުރުމަށް ނުކުތުމަށް ގޮވާލާފައެވެ.

ޔޫކްރެއިން ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން 18 އަހަރާއި 60 އަހަރުގެ ފިރިހެނުން އެގައުމު ދޫކޮށް ނުދިއުމަށް އެދިފައެވެ. އަދި އެގައުމުގެ އަސްކަރިއްޔާއިން ދޭ ހަތިޔާރާއި އެކު ގައުމުގެ ދިފާއުގައި ނުކުތުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރަޝިއާއިން ހަމަލާ ދޭން ފެށި ފަހުން ހަމައެކަނި ކިޔޭވް ސަރަހައްދުގައި ތިބި އާންމުންގެ ތެރެއިން 18،000 މީހުންނަށް ވަނީ ހަތިޔާރު، ބަޑި އާއި ގޮވާތަކެތި ބަހާފައެވެ.

އެގައުމުގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް އާއި ސިފައިންގެ ޗީފް އޮފް ސްޓާފް ވެލެރީ ޒަލުޒްނީ ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، އިތުރު ހަތިޔާރު ތައް އެގައުމަށް މިހާރު ވެސް ގެންނަމުންދާ ކަމަށެވެ.

"ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ޕާޓްނަރުންގެ ފަރާތުން ޒަމާނީ ހަތިޔާރާއި އެހެނިހެން ވަސީލަތްތަކާއެކު އިތުރު ސަޕޯޓް ލިބޭނެ،" އެ ބޭފުޅުން ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާގެ ސިފައިން މިހާރު ވަނީ ޔޫކްރޭންގެ ކިއޭވް ސަރަހައްދަށް ވަދަފައެވެ. އަދި މި ހަނގުރާމަ ނިންމާލެވޭނީ ޔޫކްރޭން ސިފައިން ހަތިޔާރުތައް ބެހެއްޓުމުން ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު