ރަޝިއާގެ 1000 ވަރަކަށް ސިފައިން މަރާލެވިފައިވާ ކަމަށް ޔޫކްރޭނުން ބުނެފިއެވެ.

ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިއްޔެއާއި މިއަދު ދެމުން އަންނަ ހަމަލާގައި މިހާތަނަށް ރަޝިއާގެ 1000 ވަރަކަށް ސިފައިން މަރާލެވެފައިވާ ކަމަށާއި ރަޝިއާއިން ޔޫކްރޭންގެ އިރުމަތީގެ ސަރަހައްދުތަކަށް ވަންނަން ކުރި މަސައްކަތް ބޮޑު ތަނުން ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ޔޫކްރޭނުން އެފަދައިން ބުނި ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ރަޝިއާގެ އަސްކަރީ އުޅަނދުތައް ޔޫކްރޭންގެ ވެރިރަށް ކިއޭވްއަށް ވަންނަ މަންޒަރު ފެނިގެންދެއެވެ.

ޔޫކްރޭނުން ރަޝިއާގެ 1000 ސިފައިން މަރާލާފައިވާ ކަމަށް ބުނެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ ޔޫކްރޭންގެ 200 ސިފައިން މަރާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަން ދެގައުމުން ވެސް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަޝިއާއާއި ޔޫކްރޭންގެ ހަމަލާ ބަދަލު ކުރުންތައް އިއްޔެ ހެނދުނު ފެށިގެން ކުރިއަށް އަންނައިރު، ރަޝިއާއިން ރޭގެ ވަގުތެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަހަކީ "ކާމިޔާބު" ދުވަހެއް ކަމަށެވެ.

ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވަމުން އައި ނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެކަން ނިމިގެން ދާނީ ޔޫކްރޭންގެ ސިފައިން ހަތިޔާރުތައް ތިރި ކުރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    އިމގެރޭސިން މާދުރުގަ ފިލާ ތިބެ ދޮގު ހަބަރު ފަތުރަނީ!! ރަސިޔާ ޓޭންކަރުތައް މިހާރު އޮތީ ޔޫކުރޭން ރިޔާސީ ގަނޑުވަރާ 2 ކިލޯމީޓަރު ކާރީގަ. ވަގުތު ނޫސް ކުދިންވެސް ހަބަރު ބަލާލަބަލަ!!

    11
  2. ޅޮލް

    ރަޝިއާއިން އެއޮތީ މިހާރު ޔޫކްރެއިން ހިފާފައި.

    4
    1