ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާ އިން ޔޫކްރެއިނަށް އަރައިގަނެފައިވާއިރު، ހަނގުރާމަ ހުއްޓުވުމަށް ޔޫރަޕުގެ ގައުމުތަކުން އެންމެ އެކަށޭނެ ފިޔަވަޅުތައް ނާޅާ ކަމަށާއި ޔޫރަޕުން އުޅެފި ނަމަ ރަޝިޔާ ހުއްޓުވޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބޮޑު ހަނގުރާމައިގެ ފުރަތަމަ ބޮންތައް ގޮއްވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ފަހެއްގެ ފަހުންނެވެ. އޭގެ މިނެޓުތަކެއް ކުރިން ޕުޓިން ވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އަމުރު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. ދެގައުމުން މެދު ކެނޑުމެއް ނެތި އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ރަޝިޔާއިން ވަނީ އެއްގަމު މަގުންވެސް ޔޫކްރޭންއަށް އަރައިގަނެފައެވެ.

މިކަމާއި ގުޅިގެން ޔޫކްރޭންގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވޮލޮޑޮމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ދެމުންދާ ހަމަލާތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ރިޕީޓެއް ކަމަށާއި ޔޫރަޕުގެ ބޮޑެތި ގައުމުތަކުން އަޅަންޖެހޭ އެކަށޭނެ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށެވެ. މިގޮތުން ރަޝިއާއާ ދެކޮޅަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަން އޭނާ ވަނީ ޔޫރަޕުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

އަދި ޔޫރަޕުގެ ގައުމުތަކުން ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާ އަޑުއުފުލުމަށް ވެސް ޔޫކްރެއިންގެ ރައީސް އެގައުމުތަކުގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއިން ހަނގުރާމަ ހުއްޓާނުލާ ކަމަށާއި އިތުރު އަވަސް ފިޔަވަޅުތަކެއް މުހިއްމު ކަމަށްވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް

"ރަޝިއާއިން ޔޫކްރޭން އަށް އަރައިގެން އަރައިގަތުމަކީ ހަމައެކަނި އަރައިގަތުމެއް ނޫން. މިއީ ޔޫރަޕާއި ދެކޮޅަށް ފެށޭ ހަނގުރާމައިގެ ފެށުން. ޔޫރަޕުގެ އެއްބައިވަންތަކަމާއި ދެކޮޅަށް. ޔޫރަޕުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ އިންސާނީ ހައްގުތަކާއި ދެކޮޅަށް. ކޮންމަކެއްތޯ ކަލޭމެން (ޔޫރަޕުން) ކުރާނީ؟ ކިހިނެއް ކަލޭމެން (ޔޫރަޕުން) ދިފާއުވާނީ؟ ތިޔަހާ ސްލޯ އިއްޔާ އަހަރެމެން (ޔޫކްރޭން) އަށް އެހީތެރިވާން" ޔޫރަޕުގެ ގައުމުތަކުން އެކަށޭނެ ފިޔަވަޅު ނާޅާކަން ހާމަކުރައްވާ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ސްވިފްޓް ގްލޯބަލް ޕޭމަންޓް ސިސްޓަމުން ރަޝިއާ ވަކިކޮށް، ޔޫރަޕިއަން ޔޫނިއަން އަށް ރަޝިއާއަށް ނުވަދެވޭ ގޮތް ހެދުމަށް ގޮވާލައްވާފައެވެ.

ނަމަވެސް ސްވިފްޓް ގްލޯބަލް ޕޭމަންޓް ސިސްޓަމުން ރަޝިއާ ވަކިކޮށްފި ކަމުގައި ވާނަމަ އެކަމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކަށް ލިބޭ ދެރަ މާބޮޑު ވާނެ ކަމަށް ބެލެވެއެވެ.

ރަޝިއާއާއި ޔޫކްރޭންގެ ހަމަލާ ބަދަލު ކުރުންތައް އިއްޔެ ހެނދުނު ފެށިގެން ކުރިއަށް އަންނައިރު، ރަޝިއާއިން ރޭގެ ވަގުތެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަހަކީ "ކާމިޔާބު" ދުވަހެއް ކަމަށެވެ. ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވަމުން އައި ނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެކަން ނިމިގެން ދާނީ ޔޫކްރޭންގެ ސިފައިން ހަތިޔާރުތައް ތިރި ކުރުމުން ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން މި ފެށީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ފަހުއެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ވައިގެ މަގުން ހަމަލާތައް ދޭން ފެށުމާ އެކު، އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ފަށާފައެވެ. ޔޫކްރޭނަށް އެއްގަމު މަގުން އަރައިގަތުމުގެ ކުރިން ރަޝިއާ ސިފައިން ވަނީ ޔޫކްރޭންގެ ބޯޑަރު ކައިރީ އޮންނަ ސިޓީތަކަށް ހާއްސަކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ރަޝިއާ އިން އަންނަނީ ޔޫކްރޭންގެ ހުރިހާ ސަރަހައްދަކަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ ދިފާއުތަކަށް ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ދިހަ ހިސާބަޔަކަށް ބޮން އަޅައި ހަމަލާތައް ދެމުންދާއިރު ރަޝިޔާއިން ބުނަމުންދަނީ އެގައުމުން އެއްވެސް ހަމަލާއެއް ނުދޭކަމަށެވެ. ބޭރުގެ ގިނަ މީޑިޔާތަކުން ހަނގުރާމައިގެ ހަބަރުތައް ވަގުތުން ގެނެސްދޭއިރު ޔޫކްރެއިންގެ ބޮޑެތި އެއާޕޯޓުތަކަށްވެސް ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުންދާކަން ފާހަގަ ކުރެވެއެވެ.

ޔޫކްރޭނަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ އަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި މުޅި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ވެސް ކުރިމަތިވި ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑީގެރިގާޑިޔާ.

    މިކަންހުއްޓުވޭނީ ކަލެޔައް ޔޫރަޕުން މިކަންހުއްޓަން ރަޝިޔާއާ ބެހިއްޖެނަމަ ޔޫކުރޭން އެއްކޮއް ދޮވެލާނެ ރަށިޔާއަކީ ސުޕަރޕަވަރެއް ނިޔުކުލިޔަރ ބާރެއް ތިކަހަލަ މޮޔަވާހަކަ ނުދައްކަ އެމެރިކާޔާ ނޭޓޯ މަތިން ހަނދާންނައްތާލާ ރަށިޔާގެ ހިމާއަތްހޯދާ

    7
    1