ޗެކް ރިޕަބްލިކްގެ ވައިގެ ސަރަހައްދު ރަޝިޔާއަށް ބަންދުކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޮލެންޑާއި ޗެކް ރިޕަބްލިކް ދެގައުމުން ވެސް އަންނަނީ ރަޝިއާއަށް އެގައުމުތަކުގެ ވައިގެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަށް ތައްޔާރީތައް ވަމުންނެވެ.

ބޮޑު ހަނގުރާމައިގެ ފުރަތަމަ ބޮންތައް ގޮއްވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ފަހެއްގެ ފަހުންނެވެ. އޭގެ މިނެޓުތަކެއް ކުރިން ޕުޓިން ވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އަމުރު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. ދެގައުމުން މެދު ކެނޑުމެއް ނެތި އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ރަޝިޔާއިން ވަނީ އެއްގަމު މަގުންވެސް ޔޫކްރޭންއަށް އަރައިގަނެފައެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން އިނގިރޭސި ވިލާތުން ވެސް ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދު ރަޝިއާގެ އުޅަނދުތަކަށް ބޭނުންކުރުން މަނާކޮށްފައެވެ. ޔޫރަޕުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު ރަޝިއާގެ ރައީސް ވަލިޑަމިއާ ޕޫޓިން ވަނީ މި ހަނގުރާމައިގެ ސަބަބުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރުގަދަ ބަދަލެއް ދޭނެ ކަމަށް މީގެ ކުރިން އިންޒާރު ދެއްވާފައެވެ.

ރަޝިއާއާއި ޔޫކްރޭންގެ ހަމަލާ ބަދަލު ކުރުންތައް އިއްޔެ ހެނދުނު ފެށިގެން ކުރިއަށް އަންނައިރު، ރަޝިއާއިން ރޭގެ ވަގުތެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަހަކީ "ކާމިޔާބު" ދުވަހެއް ކަމަށެވެ. ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވަމުން އައި ނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެކަން ނިމިގެން ދާނީ ޔޫކްރޭންގެ ސިފައިން ހަތިޔާރުތައް ތިރި ކުރުމުން ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން މި ފެށީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ފަހުއެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ވައިގެ މަގުން ހަމަލާތައް ދޭން ފެށުމާ އެކު، އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ފަށާފައެވެ. ޔޫކްރޭނަށް އެއްގަމު މަގުން އަރައިގަތުމުގެ ކުރިން ރަޝިއާ ސިފައިން ވަނީ ޔޫކްރޭންގެ ބޯޑަރު ކައިރީ އޮންނަ ސިޓީތަކަށް ހާއްސަކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ރަޝިއާ އިން އަންނަނީ ޔޫކްރޭންގެ ހުރިހާ ސަރަހައްދަކަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ ދިފާއުތަކަށް ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.

ޔޫކްރޭންގެ މުހިއްމު އެކި ހިސާބުތަކަށް ރަޝިއާއިން އަރައިގަނެފައިވާއިރު ދެ ގައުމުގެ ދެމެދުގައި އަންނަނީ މެދުކެނޑުމެއް ނެތި ހަމަލާތައް ބަދަލުކުރަމުންނެވެ. ބުރާސްފަތި ދުވަހު ހެނދުނު ރަޝިއާއިން ޔޫކްރޭންއާއި ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު އެގައުމުން އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.