ޔޫކްރޭނުގެ ސަރުކާރު ދޫކޮށްލައި ރަޝިޔާގެ ފައުޖުތަކާއި ގުޅުމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން ޔޫކްރޭނުގެ ސިފައިންނަށް ގޮވާލައިފިއެވެ.

ޕޫޓިން މިހެން ބުނެފައި ވަނީ ރަޝިޔާ ސަރުކާރުގެ ޓީވީ އިން ލައިވްކޮށް ގެނެސްދިން އެގައުމުގެ ސެކިއުރިޓީ ކައުންސިލާއި ޕޫޓިން އާއި ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

"އަހަރެން އަނެއްކާވެސް މި ގޮވާލަނީ ޔޫކްރޭނުގެ ސަލާމަތީ ފައުޖުތަކަށް އަހަރެމެންނާއި ބައިވެރިވެ ޔޫކްރޭނުގެ ކޮންޓްރޯލް ނަގަން. ހައްދުފަހަނަ އަޅާފައިވާ ވެރިން ތިމީހުންގެ އަނބިދަރިންނާއި މައިން އައްޑަނަ ތަކުގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ" ޕޫޓިން ބުނެފައިވެއެވެ.

ޕޫޓިން އިތުރަށް ބުނެފައި ވަނީ އޭނާ އަށް ކިޔަމަންވެ ޔޫކްރޭން އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފިނަމަ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އައުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ރަޝިޔާގެ ފައުޖުތަކުން ޔޫކްރޭނުގެ ވެރިރަށް ކިއެވް ވަށާލުމަށް ތައްޔާރުވަމުން ގެންދާ މި ދަނޑިވަޅުގައި އެގައުމެ ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ ރަޝިޔާ އިން ވެރިރަށް ހިފައިފި ނަމަ އޭނާ މަރާލަން ބޭނުންވާނެ ކަމަށެވެ.

ކިއެވްގައި އުމުރުން 18 އާއި 60 އަހަރުގެ މީހުން ސިޓީ އިން ބޭރުން މަނާ ކޮށްފައިވާއިރު އެމީހުންނާއި ހަތިޔާރު ހަވާލުކޮށް، ރަޝިޔާގެ ފައުޖުތަކާއި ކުރިމަތިލުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި އެގައުމުގެ ސިފައިންނަށް ޕެޓްރޯލް ބޮމުގެ ހަމަލާތައް ދިނުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

އެއްވެސް ހަމްދަރުދީ ވުމެއް ނެތި ޔޫކްރޭނުގެ އެތައް ބަޔަކު ރަޝިޔާ އިން މަރަމުން ދާއިރު ޕޫޓިން ބުނެފައި ވަނީ ޔޫކްރޭނުގައި ތިބި ރަޝިޔާ ސިފައިންނާއި މެދު ފަހުރުވެރިވާ ކަމަށާއި ސިފައިންތައް ހަރަކާތްތެރިވަމުން ގެންދަނީ އެއްވެސް ބިރަކާއި ނުލައި ވަރަށް ކެރިގެން ކަމަށެވެ.

ރަޝިޔާ އިން ޔޫކްރޭނުގެ ވެރިރަށް ހިފުމުގެ ކުރިން އެކަން ހުއްޓުވަން ޔޫކްރޭނުގެ ރައީސް ދަނީ ކެނޑިނޭޅި އެދެމުންނެވެ.