ރަޝިއާގެ ސިފައިން ޔޫކްރޭންގެ ވެރިރަށް ކިއެވް އާއި ވަރަށް ކައިރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކުރިއަށް އޮތީ ކިއެވް އަށް އުނދަގޫ ވަގުތުތަކެއް ކަމަށް އެސިޓީގެ މޭޔަރ ވިޓަލީ ކްލިޓްޝްކޯ ބުނެފިއެވެ.

ވިޓަލީ ކްލިޓްޝްކޯ މިފަދައިން ބުނެފައިވަނީ ރަޝިއާގެ ސިފައިން ވެރިރަށް ކިއެވް އަށް ވަދެފައިވާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ ރަޝިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަނީ ކިއެވް އާއި ކައިރި ސަރަހައްދެއްގައި ކަމަށެވެ.

ވިޓަލީ މިއަދު ބުނެފައިވަނީ މިހާރު ކިއެވްގެ ހާލަތު އޮތީ ބިރުވެރި ފައްތަރެއްގައި ކަމަށާއި "ކުރިއަށް އޮތީ އުނދަގޫ ރެޔާއި ދުވާލު" ކަމަށެވެ.

އޭނާ ބުނެފައިވަނީ ރަޝިއާ ސިފައިން ވެރިރަށާއި ކައިރިވި ނަމަވެސް އެސަރަހައްދުގެ ބްރިޖްތައް ހުރީ ޔޫކްރޭން ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ސިފައިންނާއި އަސްކަރީ ފައުޖުތަކުން އަންނަނީ ރަނގަޅަށް އެސަރަހައްދު ޕެޓްރޯލް ކުރަމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ހަނގުރާމައަށް ބެލުމެއް ނެތި ސިޓީގެ ހޮސްޕިޓަލުން އަންނަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަވަދި ނެތި މަސައްކަތް ކުރަމުން ކަމަށާއި ހޮސްޕިޓަލްތަކުގެ ގޭޓު ތަކުގައި ފޯރިމަރަން ސިފައިން ތިބޭނެ ކަމަށެވެ.

"އަހަރުމެން މިކަން ކުރަނީ ކިއެވްގެ ދިފާއުގައި. ގައުމުގެ ދިފާއުގައި ނުކުމެފައިވާ ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" އޭނާ ބުންޏެވެ.

ރަޝިއާއާއި ޔޫކްރޭންގެ ހަނގުރާމަ އިއްޔެ ފެށިގެން ކުރިއަށް އަންނައިރު، މިހާތަނަށް ރަޝިއާގެ 1000 ވަރަކަށް ސިފައިން މަރާލާފައިވާ ކަމަށް ޔޫކްރޭނުން ވަނީ ބުނެފައެވެ. އަދި ރަޝިއާއިން ވަނީ ޔޫކްރޭންގެ 200 ސިފައިން މަރާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ދެގައުމުން ވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު