ޔޫކްރޭންގެ ބޮން އަޅާ ހަތަރު ޖެޓެއް ވައްޓާލައިފިން ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ ހުޅަނގުން އޮންނަ ޒީޓޮމީރް ނަމަކަށް ކިޔާ އަވަށުގެ ކައިރިން ޔޫކްރޭންގެ އެސްޔޫ-27 މަރުކާގެ ހަތަރު ޖެޓަށް ރަޝިއާ ސިފައިން ހަމަލާދީ އެހަތަރު ޖެޓް ވެސް ވައްޓާލާފައިވާ ކަމަށެވެ.

އެސްޔޫ-27 މަރުކާގެ ފައިޓާ ޖެޓްތަކަކީ ސޯވިއެޓް ޔޫނިއަން އިން އުފައްދާ އަދި އޭގެ ފަހުން ޔޫކްރޭން ސޯވިއެޓް ޔޫނިއަނުން ވަކިވެ އެގައުމުން ބޭނުން ކުރަމުން އަންނަ ފައިޓާ ޖެޓްތަކެކެވެ. މިއީ އެމެރިކާގެ ހަތަރު ވަނަ ޖީލްގެ ފައިޓާޖެޓްތަކާއި ވާދަކުރުމަށް ސޯވިއެޓް ޔޫނިއަނުން އުފެއްދި ފައިޓާ ޖެޓެވެ.

1985 ވަނަ އަހަރު އުފެއްދި އެސްޔޫ-27 މަރުކާ ވަރަށް ގިނަ ފައިޓާޖެޓްތައް ޔޫކްރޭންގެ އިތުރުން ސޯވިއެޓް ޔޫނިއަނުން ވަކިވި އެހެން ގައުމުތަކުގައި ވެސް ހުރެއެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި ރަޝިއާ އިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިފަހުން ޔޫކްރޭންގެ 68 ފްލައިޓެއް ބިން މަތީގައި ޕާކް ކޮށްފައި ވަނިކޮށް ރަޝިއާ އިން ހަމަލާދީ ހަލާކު ކޮށްލާފައި ވެއެވެ. އަދި ވައިގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށް ޔޫކްރޭން އަސްކަރިއްޔާގެ 21 ފްލައިޓެއް ރަޝިއާ އިން ހަމަލާދީ މިހާތަނަށް ވައްޓާލާފައި ވެއެވެ.

ރަޝިއާ އިން ޔޫކްރޭންގެ ހަތަރު ޖެޓެއް ވައްޓާލައިފިން ކަމަށް ބުނާ ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު