ރަޝިއާ އާއި ޔޫކްރޭނުން ކުރަމުން އަންނަ ހަނގުރާމައަށް ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯއިން ހަތިޔާރު ފޮނުވުން ހުއްޓާލުމަށް ރަޝިއާއިން ގޮވާލައިފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އެގައުމުގެ "ރިއާ" ނޫހުން ބުނެފައިވަނީ ޔޫކްރޭންގައި ތިބި ނިރުބަވެރިންގެ އަތަށް އެންޓި-އެއާ ސްޓިންގާ މިސައިލް އަރާފާނެ ބިރު މޮސްކޯއަށް އެބަ އޮތް ކަމަށާއި އެފަދަ މިސައިލްތަކެއް އެފަރާތްތަކުގެ އަތަށް އަރައިފިނަމަ، ގައުމުތަކުގެ މަތިންދާބޯޓުތަކަށް ވެސް ނުރައްކާ އޮންނާނެ ކަމަށެވެ.

އެހެން ކަމުން މިވަގުތުން ފެށިގެން ނޭޓޯ އާއި އީޔޫގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވަމުން އަންނަ ހަތިޔާރު ފޮނުވުން ހުއްޓާލަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ވަނި ގޮވާލާފައެވެ.

ރަޝިއާއިން ޔޫކްރޭނަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނާތީ ގައުމުތަކުން ވަނީ ޔޫކްރޭނަށް އެހީތެރިވުމުގެ ގޮތުން ހަނގުރާމައިގައި ބޭނުން ކުރުމަށް ހަތިޔާރު ފޮނުވާފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ދެގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައަށް 10 ދުވަސް ވެގެން އަންނައިރު، މިއަދާއި ހަމައަށް އެމައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. މައްސަލަ ހައްލު ކުރުމަށް ދެފަހަރު މަތިން ދެ ގައުމުގެ އިސްވެރިން ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އަންނަ ހޯމަ ދުވަހު ވެސް އެކަމާއި ގުޅޭ މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު