ރަޝިއާ އާއިއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރާނީ ޔޫކްރޭން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެއްބަސްވުމުގައި ހުރި ކަންކަމަށް ރައްޔިތުން ރުހޭ ކަމުގައި ވާނަމަ ކަމަށް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރޭންގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫން ގޮތަކަށް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ނުކުރެވޭނެ ކަމަށް މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް ވާނީ ދަންނަވާފައެވެ.

ޔޫކްރޭނުން ނޭޓޯގައި ބައިވެރިވުމުގެ ފުރުސަތު ނޭޓޯ އިން ނުދޭނެ ކަމަށް ގަބޫލު ކުރެވިއްޖެ ކަމަށް ވިދާޅުވާ ވިދާޅުވުން ޒެލެންސްކީ ވަނީ ތަކުރާރު ކުރައްވާފައެވެ. "ރަޝިއާ ދެކެ ނޭޓޯގެ ގައުމުތަކުން ބިރުގަނޭ. އެހެންވެ ޔޫކްރޭނަށް ނޭޓޯގެ މެންބަރުކަމެއް ނުދޭނެ. އެހަގީގަތް އަޅުގަނޑުމެން މިހާރު ޖެހޭނީ ގަބޫލު ކުރަން." ޒެލެންސްކީ ވިދާޅުވިއެވެ.

ނޭޓޯގައި ބައިވެރި ނުވެވުނު ނަމަވެސް ރަހުމަތްތެރި ގައުމުތަކާއި މަޝްވަރާކޮށް ޔޫކްރޭނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށި އެއްސަބަބަކީ ވެސް ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ޔަގީންކަން ޔޫކްރޭނުން ނުދިނުމެވެ. ރަޝިއާގެ ހަމަލާއެއް ޔޫކްރޭނަށް އަމާޒުވެއްޖެނަމަ ޔޫކްރޭން ދިފާއު ކޮށްދޭނެ ކަމަށް ނޭޓޯ އިން ކުރިން ބުނިނަމަވެސް ހަނގުރާމަ ފެށުމުން ނޭޓޯގެ ގައުމުތަކުން ބުނީ ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. ނޭޓޯ އަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ކަމަށް ބުނެ ނޭޓޯ އިން ގެންދަނީ ޔޫކްރޭނަށް ބައެއް ހަތިޔާރުތައް ފޯރުކޮށްދެމުންނެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް ދެގައުމުގެ އޮފިޝަލުން މެދުކެނޑުމެއްނެތި މަޝްވަރާ ކުރަމުން އެބަގެންދެއެވެ. މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާގައި ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ އެއްބަސްވުމެއްގެ ޑްރާފްޓް ތައްޔާރު ކޮށްފައެވެ. އޭގެތެރެއިން ވަރަށް ގިނަ ކަންކަމަށް މިހާރު ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރެވި، ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރުން ހުއްޓާލެވޭނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު