ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށިފަހުން ރަޝިއާގެ 9861 ސިފައިން މަރުވެ، 16153 ސިފައިން ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ. މިއީ ރަޝިއާގެ ނޫހަކުން ރަޝިއާގެ މިހައި ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް ބުނި ފުރަތަމަ ފަހަރެވެ.

ހަނގުރާމައިގައި ރަޝިއާ އިން މަރުވަމުންދާ ސިފައިންގެ އަދަދު ރަޝިއާ އިން ގަވައިދުން ހާމަކުރަމުންނެއް ނުދެއެވެ. ހަނގުރާމަ ފެށިފަހުން އެއަދަދު އިއުލާން ކުރީ އެންމެ ފަހަރަކު އެވެ. އެފަހަރު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެގައުމުގެ 498 ސިފައިން ހަނގުރާމައިގައި މަރުވެފައިވާ ކަމަށެވެ. އެއީ މީގެ ތިން ހަފްތާ ކުރިންނެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް ބުނެ ރަޝިއާގެ ނޫހަކުން ޚަބަރެއް އާއްމުކުރި ނަމަވެސް ފަހުން ވަނީ ޚަބަރު ރިމޫވް ކޮށްފައެވެ. އެނޫހުން ބުނީ އެއީ އެނޫހުގެ ވެބްސައިޓް ހެކް ކުރުމަށް ފަހު ޝާއިއު ކުރި ޚަބަރެއް ކަމަށެވެ.

ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު ރަޝިއާއިން ވަނީ މީޑިއާތަކަށް ގިނަ ހުރަސްތަކެއް ވެސް ކުރިމަތި ކޮށްފައެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނެތި ހަނގުރާމައިގެ އެއްވެސް ޚަބަރެއް ގެނައުމަކީ ވެސް މިހާރު ރަޝިއާގައި މަނާ ކަމެކެވެ.

ޔޫކްރޭނުން މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނީ އެގައުމުން ދިން ހަމަލާތަކުގައި މިހާތަނަށް ރަޝިއާގެ 15000 ސިފައިން މަރާލެވިފައިވާ ކަމަށެވެ.

ގިނަ މީހުން ކުރިން ލަފާކުރިވަރުގެ ކާމިޔާބެއް ރަޝިއާ އަށް އަސްކަރީ ގޮތުން ޔޫކްރޭންގެ މައްޗަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ރަޝިއާގެ އަސްކަރީ ގާބިލްކަމާއިމެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރަޝިއާ އާއި އަޅައި ބަލާއިރު ޔޫކްރޭނަކީ ސިފައިން މަދު، އަސްކަރީ ވަސީލަތްތައް ވެސް މަދު ގައުމެކެވެ. ނަމަވެސް އަދިވެސް ރަޝިއާ ސިފައިންނަށް ހިފިފައި ވަނީ ޔޫކްރޭންގެ މަދު ސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިއުކްލިއަރ

    މިހަނގުރާމަ އަކީ އެއްގޮތަކަށްވެސް ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރެވޭ ހަނގުރާމަ އެއްނޫން.
    މިއީ ސީދާ ރަޝިއާ އާއި އެއްވަނަ ދުނިޔޭގެ ހުރިހާ ގައުމުތަކާއި ދެމެދު ކުރެވޭ ހަނގުރާމައެއް.
    30 އަށް ވުރެ ގިނަ ގައުމާއި ދެކޮޅަށް ރަޝިއާ އެކަނި އެހަނގުރާމަ ކުރަނީ އެގައުމުގެ މިނިވަން ކަމުގެ ދިފާއުގައި
    ފެންނަމުން މިދަނީ ރަޝިއާގެ މިނިވަންކަމުގެ ދިފާއުގަ އެގައުމުގެ ސިފައިން ފުރާނައިން ގުރުބާން ވަމުންދާ މަންޒަރު

    16
    3
    • ޢަހުމަދުވަގާރު

      އަފްގާނިސްތާނަށް އަރައިގަތީ ވެސް ރަށިޔާ ގެމިނިވަން ކަުގަ ތަ

      1
      3
  2. އެޓޮމިކް

    ރަޝިއާގެ އަސްކަރީ ގާބިލުކަމާމެދު އެއްޗެއް ބުނާނީ އަދި ފަހުން..އަދި ވާގޮތެއްބަލަމާ ރަޝިއާ ކީވްހިފުމާ ކައިރިވެއްޖެ. މޮރިޕޯލް ހިސޯރުކޮށް އެތެރޭގަތިބި ޔޫކްރެއިން ސިފައިން އަމާންނުދީފިނަމަ އޮތީ މަރު...ތިއިކީ އެމަރިކާ ނޭޓޯ ގެ އެންމެ ޒަމާނީ ހަނތިޔާރާއި އިންޓަލިޖެންސް ދީގެން ކުރާ ހަނގުރާމައެއް...ޔޫކްރެއިންއަށް އެހީނުލިބުނުނަމަ މިހާރު ރަޝިއާ ޔޫކްރެއިން ހިފައިފި

    7
    1