ރަޝިއާގެ ސިފައިން ޔޫކްރެއިން އަށް އަރާ ހިފި އަވަށެއް، ޔޫކްރެއިންގެ ސިފައިންގެ ބާރުގެ ދަށަށް އަލުން ގެންގޮސްފައިވާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާ އިން މިއަދު ހާމަކޮށްފިއެވެ.

ޔޫކްރެއިންގެ އާމްޑް ފޯސް އިން ފޭސްބުކްގައި ބުނީ އެތައް ދުވަހެއް ވަންދެން ހަނގުރާމަ ކުރުމަށް ފަހު، ރަޝިއާ ސިފައިންގެ އަތުން އަތުލާފައި ވަނީ މަކަރީވް ނަމަކަށް ކިޔާ އަވަށެއް ކަމަށެވެ. އެ އަވަށަކީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ އަވަށެކެވެ.

"މަކަރީވްގައި ޔޫކްރެއިންގެ ދިދަ މިހާރު ވާނީ ނަގާފައި،" ފޭސްބުކްގައި ޖެހި ޕޯސްޓުގައިވެއެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި މަކަރީވް އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މާޗް 12 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އެޕާޓްމަންޓް ކޮމްޕްލެކްސް އަށާއި ސްކޫލްތަކަށާއި މެޑިކަލް ފެސިލިޓީއަކަށް ހަމަލާތައް އަމާޒުކޮށްފައިވެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ހަމަލާތައް އާންމުންނަށް އަމާޒު ނުކުރާ ކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު