ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި ސަލާމަތްވި އެއްވެސް މީހަކު ފެނިފައި ނުވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ޗައިނާގެ ކުންމިން އިން ގުއަންޒޫއަށް 133 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާ ކަމަށް ވެއެވެ. އަދި މި ހާދިސާގައި ގެއްލުނު މީހުންގެ އިތުރު މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ

ޗައިނާ ޔޫތު ޑެއިލީ ނޫހުން ބުނީ، އެކަން ތަހުގީގު ކުރަމުންދާ ފަރާތްތަކަށް އެ ސައިޓްގައި މަސައްކަތް ކުރަން އުނދަގޫވެފައި ވަނީ ސަރަހައްދުތަކާއި މޫސުން ގޯސްވުމުގެ ސަބަބުންނެެވެ. އަދި މިހާތަނަށް ބޯޓުގެ ކަޅުފޮށިވެސް ފެނިފައި ނުވާ ކަމަށް ވެއެވެ.

ދައުލަތުގެ މީޑިއާއިން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފްލައިޓް ވެއްޓުމާ ގުޅިގެން ފަރުބަދަތަކުގެ މަތިން ވަރަށް ބޮޑަށް އުން އަރައިގެން ގޮސްފައި ވެއެވެ. އަދި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ މީހުންނަށް މަތިންދާބޯޓުގެ ބައިތަކާއި، އެ ބޯޓުން ދަތުރު ކުރި މީހުންގެ އަމިއްލަ ސާމާނުތަކުގެ ތެރޭގައި ވޮލެޓާއި، އައިޑީ ކާޑާއި، ފޯނުވެސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މަތިންދާބޯޓުގެ ހަލާކުވެފައިވާ ބައިތައް އެތަނުން ފެނިފައިވޭ. ނަމަވެސް މިހާތަނަށް މަތިންދާބޯޓުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވޭ". ރެސްކިއު ޓީމްތަކާ ހަވާލާދީ ދައުލަތުގެ ބްރޯޑްކާސްޓަރ ސީސީޓީވީން ބުނެފައި ވެއެވެ.

ޗައިނާ އީސްޓަން އަކީ ޗައިނާގެ އެންމެ ބޮޑު ތިން ވައިގެ އުދުހުންތަކުގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ.

ޗައިނާގެ އެއާލައިންތަކުގައި އާންމު ގޮތެއްގައި ރައްކާތެރިކަމުގެ ރަނގަޅު ރެކޯޑެއް އޮވެއެވެ. އެންމެ ފަހުން ޗައިނާ އެއާލައިނެއްގެ ބޮޑު އެކްސިޑެންޓެއް ހިނގާފައިވަނީ މީގެ 12 އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު