ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޗައިނާގެ އާބާދީ މި އަހަރު ދަށަށްދާނޭ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުގެ މުޝީރަކު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ބޭންކް އޮފް ޗައިނާގެ މަނިޓަރީ ޕޮލިސީ ކޮމިޓީގެ މެމްބަރެއް ކަމަށްވާ ކައި ފަންގް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މި އަހަރު ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ޗައިނާގެ އާބާދީ ދަށަށް ދާނެ ކަމަށާއި އަދި އާބާދީ ދަށަށް ދާނެ ނިސްބަތް މިހާރުވެސް އެތައް ޕްރޮވިންސްތަކަކުން ރިޕޯޓް ކުރަމުންދާ ކަމަށެވެ.

ޗައިނާގެ އާބާދީ މިހާރު ހުރި މިންވަރު ދިރާސާކޮށް ނެރެފައިވާ ރިޕޯޓުގައި ވާގޮތުން 2021 ވަނަ އަހަރު އެގައުމުގެ 16 ޕްރޮވިންސުގެ ތެރެއިން ހަތް ޕްރޮވިންސުގައި އުފަންދުވި އާބާދީގެ ނިސްބަތް ވަނީ ދަށްވެފައެވެ.

ކައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އެގައުމުގެ އާބާދީ މަދުވަމުން އަންނަ މި ދަނޑިވަޅުގެ ސަބަބުން އެގައުމުގެ އިޤްތިސާދަށްވެސް އޭގެ އަސަރުތައް ކުރާނެ ކަމަށެވެ. އަދި ޑިމާންޑާއި ސަޕްލައިއާ ދެމެދު ބޮޑު ފަރަގެއް އުފެދުމުގެ ސަބަބުން އިގުތިސޯދީ ދުވެލި ހުއްޓުމަކަށް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އާބާދީގެ އާ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި، މީހުން ދިރިއުޅޭ ގެތަކަށް ލިބޭ އާމްދަނީ އިތުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ޖުމްލަ އާބާދީ އަކީ މިހާރު 1.41 ބިލިއަން އެވެ. މިދިޔަ އަހަރު ޗައިނާގައި އުފަންވި ކުދިންގެ އަދަދަކީ 10.62 މިލިއަނެވެ. މިއީ 2020 ވަނަ އަހަރު އުފަންވި ކުދިންގެ އަދަދަށްވުރެ ދަށް އަދަދެކެވެ. އެގޮތުން އެ އަހަރު އެގައުމުގައި 12 މިލިއަން ކުދިން ވަނީ އުފަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު