އިންޑިއާ ޓެލެންގަނާގެ ވަރަންގަލް އެމްޖީއެމް ހޮސްޕިޓަލްގެ ރެސްޕިރެޓޮރީ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާދެމުން ދިޔަ މީހެއްގެ ގައިގައި މީދަލެއް ދަތް އެޅި ފަހުން، އިތުރު ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ އެ ފިރިހެން މީހާގެ ގައިގައި މީދާ ދަތް އެޅުމާއެކު ހަށިގަނޑު ވަރަށް ބައިވަރު ލޭފޭބިއެވެ. އޭނާ ފަހުން ބަދަލުކޮށްފައި ވަނީ ހައިދަރްއާބާދްގެ ނިމްސް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ބަދަލުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރޭ ދަންވަރު އޭނާ ވަނީ މަރުވެފައެވެ.

ނިޡާމުއިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޑިރެކްޓަރ ޑޮކްޓަރ ކޭ މަނޯހަރު އެންޑީޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްރިނިވާސް ނަމަކަށް ކިޔާ އެ މީހާއަކީ ދާއިމީ ގޮތެއްގައި ބަނގުރާ ބުއިމުގެ ތާރީޚެއް އޮތް މީހެއް ކަމަށެވެ. އެކަމުގެ ސަބަބުން ލިވަރ ޕެންކްރިއާސް އާއި ކިޑްނީއަށް ވަރަށް ބޮޑަށް އަސަރުކުރޮށްފައިވާ ކަމަށެވެ.

"އޭނާ އޮތީ ވެންޓިލޭޓަރުގައި. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަޑީއެކް އެރެސްޓަކަށް ދިޔަ، އެއް ފަހަރު ޕްރައިވެޓް ހޮސްޕިޓަލެއްގައި އަދި އަނެއްކާވެސް އެމްޖީއެމްގައި ފަރުވާ ހޯދަމުން ދަނިކޮށް".

އަދި ނިމްސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިވެސް އޭނާއަށް ހާޓްއެޓޭކެއް ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މީދާ ދަތް އަޅައިގެން ވީ ކަމެއް ނޫން، އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ވީކަމެއް".

އެހެން ނަމަވެސް އެ ހޮސްޕިޓަލްގެ ތެރެއިން މިފަދަ ކަމެއް ވުމުން ބަލި މީހުންނާއި، އާއްމުންނަށްވެސް ޝޮކެއް ލިިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި އެ ރެސްޕިރެޓޮރީ ޑިޕާޓްމެންޓްގެ ހެޑް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ދެ ޑޮކްޓަރެއްވެސް އެ ތަނުން ވަކިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު