ތައިލެންޑަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ނިންމަވާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔޫޓް ޗަން އޯޗާ ވިދާޅުވެއްޖެއެވެ.

މި ނިންމުމަށް އަމަލު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

އެގައުމުގެ ފަތުރުވެރިކަމުގެ ސިނާޔަތް ރަނގަޅުކޮށް، އިގްތިސާދު ކުރިއެރުވުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވަނީ ކޮވިޑް-19ގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ސެންޓަރ ފޯރ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން އާއެކު މަޝްވަރާ ކުރުމަށް ފަހުގައެވެ.

ބޮޑުވަޒީރު ޕްރަޔޫޓް ޗަން އޯޗާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް އަރައިގަންނަމުން އަންނައިރު އެންޓިޖެން ޓެސްޓަކީ މާ އަވަސް ވެފައި ފަތުރުވެރިންނަށް މާ ލުއި ގޮތަކަށް ވެގެންދާނެ ކަމަށެވެ.

"ވަރަށް ގިނަ ގައުމުތަކުން އަންނަނީ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދެމުން. އަދި ތައިލެންޑްގެ އިގްތިސާދުގެ ބޮޑު ހިއްސާއަކީ ފަތުރުވެރިކަން." ބޮޑުވަޒީރު ވިދާޅުވިއެވެ.

އަންނަ މަހުން ފެށިގެން އެގައުމަށް ދަތުރު ކުރާއިރު ކޮވިޑަށް ޓެސްޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެގައުމުގެ އިދާރާތަކުން ހާމަކުރާ ގޮތުގައި ވެކްސިން ނުޖަހާ ފަތުރުވެރިންނާ މެދު މި އުސޫލު ތަފާތުވާނެއެވެ.

އެގޮތުން ވެކްސިން ނުޖަހާ ފަރާތްތަކުން އެގައުމަށް ދަތުރު ކުރުމަށް އަދިވެސް 72 ގަޑިއިރު ހަމަނުވާ ކޮވިޑަށް ނައްސި ޓެސްޓެއް ބޭނުންވާނެއެވެ. އަދި އެގައުމަށް ދެވުމުން ފަސް ދުވަހުގެ ކަރަންޓީނެއް ވެސް ފުރިހަމަ ކޮށް، ކަރަންޓީނު މުއްދަތު ހަމަ ވުމުން އިތުރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.